ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބަހްރައިންގެ ގައުމީ ދާރުލްއާސާރާއި، ބަހްރައިންގެ ބައިތް-އަލް ގުރުއާން ފެސިލިޓީއަށް ޒިޔާރަތްކުރައްވައި އެ ދެތަން ބައްލަވާލައްވައިފިއެވެ.

ބަޙްރައިންގެ ގައުމީ ދާރުލްއާސާރު ރަސްމީކޮށް ހުޅުވައި ދެއްވީ ޑިސެމްބަރ 1988 ގައި، އަމީރު ހުސްނުއީ ބިން ސަލްމާން އަލްހަލީފާއެވެ. މި ދާރުލްއާސާރު ހަދާފައި ހުންނަނީ ދެ އިމާރާތް ގުޅުވައިގެންނެވެ. އަދި މިތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާ އާއި، ވަގުތީ އެގްޒިބިޝަން ހޯލްތަކާއި، އާޓް ގެލަރީއަކާއި، ލެކްޗާ ހޯލެއް ހިމެނެއެވެ.

މި ދާރުލްއާސާރުގައި ބަހްރައިންގެ ތާރީހުގެ 6000 އަހަރު ވީ ތަކެތި ރައްކާކޮށްފައި ވެއެވެ.

ބައިތް-އަލް ގުރުއާން ފެސިލިޓީއަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް އިމާރާތެކެވެ. މި ތަން އެންމެ ބޮޑަށް މަޝްހޫރު ވެފައި ވަނީ އިސްލާމީ ދާރުލްއާސާރަކަށް ވުމުގެ ސަބަބުންނެވެ. އަދި މިތަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާސާރުތަކުގެ ތެރޭގައި ހިމެނޭ އެއްތަނެވެ. އަދި މިތަން އިމާރާތް ކުރެއްވީ ގުރުއާނާއި އެނޫން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ އިސްލާމީ މުސްހަފްތަކުގެ ވަށާޖެހޭ އަދި އަގުހުރި ކަލެކްޝަނެއް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައެވެ.

މި އިންސްޓިޓިއުޝަންގެ ދާރުލްއާސާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީހީ ގުރްއާނުގެ ފަތްފުއްތައް ފެންނަން ހުރެއެވެ. އޭގެ ތެރޭގައި އިރުމައްޗާއި، ޗައިނާއާއި، ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެއެވެ. އެއީ ފުރަތަމަ ހިޖުރައިން 622-722 ވަނަ އަހަރު އަދި އިސްލާމީ ރަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައި ގޮތް ދައްކުވައިދޭ ބިނާތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ބަހްރައިންއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.