މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނީ އެ އަތޮޅު އިނގުރައިދޫ، އިންނަމާދޫ، މާކުރަތު އަދި ދުވާފަރަށް ކަމަށެވެ.

އެ ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ސިއްހީ މަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ރ.ދުވާފަރުގައި އޮންނަ "ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ހަފްލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ފައިސަލް ރ. ވަންދޫއަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ، މާދަމާއެވެ.