އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާ ގުޅިގެން ހިންގާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯހަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކެޑެމިކް ކޮމިޓީން އެ ފަރާތްތަކުގެ ގާބިލްކަން ބަލައި 25 ދަރިވަރުން ހޮވައިފިއެވެ.

އެސްޓީއޯ އިން ބުނީ، 2 އަހަރު ދުވަހުގެ ކިޔެވުމާއި 6 މަހުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ލިބޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހަށް އެދި ހުށަހެޅުމުން ކޯހަށް 94 ފަރާތެއް ކުރިމަތިލާފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ތައުލީމީ ފެންވަރު ޗެކްކޮށް މި ކޯހަށް ޝަރުތު ހަމަވާ އޭލެވެލް ނުވަތަ އޭލެވެލް އާ އެއް ފެންވަރުކަމަށް އެމްކިއުއޭ އިން ގަބޫލުކުރާ ސެޓްފިކެޓް 4 ގެ ސަނަދެއް އޮތް ތޯ ބަލައި ޝޯޓްލިސްޓް ކުރި އިރު 36 ފަރާތެއް ހޮވުނު ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެއަށްފަހު އެ ފަރާތްތަކާ އިންޓަވިއު ކޮށް އަދި ފެންވަރު ބެލުމަށް އެންޓްރޭންސް އެގްޒާމް އެއް ވަނީ ބާއްވާފައެވެ. އެ ހުރިހާ މައުލޫމާތަކާއި އެކު އެސްޓީއޯގެ އެކެޑެމިކް ކޮމިޓީއިން ވަނީ މި ކޯހަށް އެންމެ ގާބިލް 25 ދަރިވަރުން ހޮވާފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ރޭޑިއޯގްރާފީ ކޯހަށް ހޮވިފައިވާ ދަރިވަރުންނަށް އެސްޓީއޯ އިން ވަނީ މެސެޖެއް ދީފައެވެ. އެސްޓީއޯ އިން ބުނީ، މި ރޭޑިއޯގްރާފީ ކޯހަކީ ވަރަށް ގިނަ މީހުންގެ ފޮނި އުއްމީދުތަކަކާ އެކު ކިޔެވުމަށް ފުރުސަތު ލިބޭ ކޯހެއް ކަމަށާއި މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ސިއްހީ ދާއިރާއެއް ކަމަށެވެ. އެހެންކަމުން، މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، މި ކޯސް ފުރިހަމަ ކޮށް އަދި މުސްތަގްބަލުގައި ގައުމު ފަހުރުވެރިވާ ސިއްހީ ހިދުމަތްތެރިއަކަށް ވުމަށް އަޒުމް ކަނޑައަޅައި ހިތްވަރާއެކު މަސައްކަތް ކުރުމަށް އެސްޓީއޯ އިން ބުނެއެވެ.

ރޭޑިއޯގްރާފީ އަކީ ރޭޑިއޭޝަން ބޭނުންކޮށްގެން އެތެރެހަށީގެ ގުނަވަންތަކުގެ ސްކޭންކުރުމެވެ. އޭގެތެރޭގައި އެކްސް-ރޭ, ސީ.ޓީ ސްކޭން, އެމްއާރްއައި, އަލްޓްރާ ސައުންޑް ސްކޭން އަދި މެމޯގްރާމް ހިމެނެއެވެ. ރޭޑިއޯގްރާފީގެ އެންމެ މުހިއްމު ބޭނުމަކީ މީހާގެ އެތެރެހަށީގެ ގުނަވަތަކުގެ ހާލަތު ބަލައި, ހުރީ ކޮން ބައްޔެއްތޯ ދެނެގަތުމެވެ. އެންމެ އާންމުކޮށް ރޭޑިއޮގްރަފީ ހަދައި އުޅެނީ ކަށިތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް އެކްސް-ރޭ ހެދުމެވެ. މީގެ އިތުރުން ރޭޑިއޯގްރާފީގައި ހިތާއި, ސިކުނޑި, އަދި ތައިރޮއިޑް ފަދަ އެކި ގުނަވަންތަކުގައި ކެންސަރުގެ އަލާމާތެއް ހުރިތޯ ހޯދުމަށް ކުރާ ސްކޭންތަކަކީ ވެސް ރޭޑިއޮގްރަފީގެ ތެރެއިން ދެނެގަންނަ ބައެއް ކަންކަމެވެ.

މި ކޯހަކީ ފުލީ ފަންޑަޑް ކޯހެކެވެ. އެގޮތުން ކޯހުގެ ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި 2300 ރުފިޔާ ލިބޭ ކޯހެކެވެ. އަދި މި ކޯހުގައި 6 މަސް ދުވަހުގެ އިންޓާންޝިޕްގެ ގޮތުގައި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބޭ އިރު، އަދި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ޔަގީންކަން ވެސް ލިބިގެން ދާނެއެވެ. އެގޮތުން އިންޓަރންޝިޕް ހެދުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ސެނަހިޔާ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ މާލޭގައި ހުންނަ އެސްޓީއޯ ޓްރެއިނިންގް އިންސްޓިޓިއުޓްގައެވެ. އެއީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 4 ވަނަ ފްލޯގައި، ހުންނަ ކްލާސްރޫމްތަކާއި، އޯޑޮޓޯރިއަމް އަދި ޖީއީ އެސްޓީއޯ ސްކިލް ލެބްއެވެ.

މި ކޯސް ކިޔަވާ ނިންމާ ދަރިވަރުންނަށް ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއް, ކްލިނިކެއް ނޫނީ ހެލްތް ސެންޓަރެއްގައި ވެސް ރޭޑިއޮގްރާފީގެ މެޝިންތައް ހިންގާ މި މެޝިންތައް ބެލެހެއްޓުމަށް އުޅޭ މުވައްޒަފަކަށް ވެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މި ކޯސް ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީން އެކްރިޑޭޓް ކޮށްފައެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންނަށް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި "ރޭޑިއޯގްރާފާ" އެއްގެ ގޮތުގައި ރެޖިސްޓާ ކުރެވޭނެއެވެ.