އިންތިގާލީ އިންސާފު ހޯދައިދޭން ކަނޑައެޅި މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވީ، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ނިންމަން ދީފައި އޮތީ ދެ އަހަރު މުއްދަތެއް ކަމަށެވެ.

އެ މުއްދަތު އިތުރު ކުރެއްވުމަށް ރައީސް ސޯލިހް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި އެ މުއްދަތު ފަހުން އިއުލާން ކުރައްވާނެ ކަމަށް މިއުވާން ވަނީ ފާހަގަ ކުރައްވާފައެވެ.

އިންތިގާލީ އޮފީހުގެ ދައުރު އަންނަ ޑިސެމްބަރު މަހު ހަމަވާއިރު އެ އޮފީހުގައި ހުރި މައްސަލަތައް އަދި ނުނިމެއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައި ވާފަދައިން ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާ އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް އެ އޮފީހަށް ލިބިގެންވެއެވެ.