ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިއެރާ ސްޓާ ޖޮއިންޓް ވެންޗާ އާއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމުއެވެ. އަދި ސިއެރާގެ ފަރާތުން ސޮއި ކުރެއްވީ އެމްއެޗްޕީ ޕްރަސާދު އެރަތުނާއެވެ.

ތިނަދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނައިރު ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާހާނާއާއި ސިޓިންރޫމް ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ކޮންމެ އެޕާޓްމެންޓެއްގައި ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށެވެ. އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި އަދި ވެހިކަލް ޕާކް ކުރުމަށް ވެސް ހާއްސަ ތަނެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ޖުމްލަ 253،990،863 ރުފިޔާއަށް ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.