އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ ދަންޖެހުނުކަމަށް އޭނާގެ ފިރިމީހާގެ މާވިން ރިޕޯޓް ކުރުމާއި އެކަން ދެއްކުމަށް ކޮޓަރި ތެރޭގައި "ސީންއެއް" އުފައްދާފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތް ކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި، ދައުވާ އިއްވުމާއި ދައުވާ ޖަވާބުދާރީ ވުމާއި ހެކިތައް ހާމަކުރުމަށް ފަހު، ހެކިބަސް ނެގުމުގެ މަރުހަލާގެ ކުރިން ހުރިހާ ހަސްމަކުން ޝަރީއަތުގައި އިއްވާ ބަޔާން (އިފްތިތާހީ ބަޔާން) އިއްވާ ފާހަގަ ކޮށްފައި ވަނީ ކޮންމެ ބަޔަކު ޝަރީއަތަށް ސާބިތުކުރާނެ ކަންކަމެވެ. ދެން އޮންނާނީ ހެކިބަސް ނެގުން ކަމަށް ވާ އިރު އެ މަރުހަލާ މި މަހު ފަށަން ވަނީ ނިންމާފައެވެ.

ހެކިބަސް ނެގުމަށް މި މަހު 16 އަދި 17 ވަނަ ދުވަހަށް ތާވަލް ކޮށްފައި ވާ އިރު މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާއާ ދެކޮޅަށް ވެސް ދައުލަތުން ހުށަހެޅީ އެއް ހެކިތަކެކެވެ. އެއީ ޖުމުލަ 110 ހެއްކެވެ. 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެއްކެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ބުނީ މޭރީ މަރާލަން ރާވަން ފެށި ހިސާބުން ފެށިގެން، އޭނާ ދަންޖެހިފައިވާ ކަން ދެއްކުމަށް ކޮށްފައިވާ މަސައްކަތާ ހަމައަށް ތަރުތީބުންް ކިޔައިދޭނެ ކަމަށާއި މޭރީ މަރާލުމުގެ ނިޔަތް ލަމްހާއާއި މާވިންގެ އޮތް ކަން ދައުލަތުން ސާބިތު ކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން މޭރީ މަރުވެފައިވާ ކަމަށް ތަހުގީގުގައި ލަމްހާ ބުނި ގަޑިއަށް ވުރެ ކުރިން ވެސް ލަމްހާއަށް މޭރީ މަރުވެފައިވާ ކަން އެނގޭކަން ސާބިތުކޮށްދޭނެ ކަމަށާއި ތަހުގީގައި މޭރީ މަރުވެ ދިޔަ ގޮތް މާވިން ކިޔައި ދިނީ އެކި ފަހަރު އެކި ގޮތަށް ކަމަށް ދައުލަތުން ބުނެއެވެ.