އެންމެ ބޮޑެތި މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ތަރައްގީ ކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ މިއަދު ބޭނުންކުރަން ފަށައިފިއެވެ.
ވީއައިއޭގައި ހެނދުނު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ދިގުމިނުގައި 3,400 މީޓަރާއި ފުޅާމިނުގައި 60 މީޓަރުގެ އާ ރަންވޭ އަކީ މިދިޔަ ވެރިކަމުގައި ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނެއްގެ ދަށުން އެ ގައުމުގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ)އިން ހެދި ތަނަކަށް ވާއިރު މިދިޔަ ވެރިކަމުގެ ފަހުކޮޅު ސެޕްޓަމްބަރު 18، 2018 ވަނަ ދުވަހު އާ ރަންވޭ އަށް ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު، އެއާބަސް A380 ފްލައިޓެއް ޖެއްސި ނަމަވެސް މިހާތަނަށް އެ ތަން އާންމުކޮށް ބޭނުން ކޮށްފައެއް ނުވެއެވެ.
ފައިސަލް ވިދާޅުވީ އާ ރަންވޭއާއެކު ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށާއި އަލަށް ތަރައްގީކުރާ ރީޖަނަލް އެއާޕޯޓުތަކާއި މިހާރު ފަށާފައިވާ އާރުޓީއެލްގެ ހިދުމަތާއެކު ދަތުރުފަތުރުގެ ނިޒާމު ފުރިހަމަވެ އަގުހެޔޮ ވެގެންދާނެ ކަމަށާއި ވެލާނާ އެއާޕޯޓް އެންމެ ފުރިހަމަ ވެގެންދާނީ މިހާރު ބިނާކުރަމުން އަންނަ ޕަސެންޖާ ޓާމިނަލް ނިމުމުން ކަމަށެވެ.
އާ ރަންވޭ ހުޅުވަން ތައްޔާރުވުމަށްޓަކައި ރޭ 11 އިން ފެށިގެން އެއާޕޯޓުގެ ވައިގެ ދަތުރުފަތުރުގެ ހަރަކާތްތައް އަށް ގަޑިއިރަށް މެދުކަނޑައިލިއިރު ކުރީގެ ރަންވޭއިން އެންމެ ފަހުން ފުރީ ޓާކިޝް އެއާލައިނެވެ. އަދި އާ ރަންވޭއަށް ފުރަތަމަ ޖެއްސީ އެމިރޭޓްސް އެއާލައިންގެ ފްލައިޓެކެވެ.
އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވީ އާ ރަންވޭގެ ފިޒިކަލް މަސައްކަތް 2017 ގައި ފަށައި 2018 ގައި ނިންމި ކަމަށާއި އާ ރަންވޭގެ މަޝްރޫއުގެ ތެރެއިން އާ ތިން ފިއުލް ފާމު ވަނީ ހަދާފައިވާ ކަމަށެވެ.