މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 33،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތަށް ބަލާއިރު މިދިޔަ އޮގަސްޓު މަހު އަރިދަފުސް ރޯގާ ޖެހިގެން 25713 މީހުން ދެއްކި އިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން ދައްކާފައި ވަނީ 33584 މީހުންނެވެ.

ޑެންގީ ހުމަށް ބަލާއިރު އޮގަސްޓް މަހު 268 މީހަކަށް އަދި ސެޕްޓެމްބަރު މަހު 229 މީހަކަށް ޑެންގީ ހުން ވަނީ ޖެހިފައެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރު ވެފައިވާ ކަމަށާއި މިއަހަރުގެ އޮގަސްޓް މަހާއަޅާ ބަލާއިރު ސެޕްޓެންބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ދަށްވެފައިވާ ކަމަށެވެ.

  • ޑެންގީހުން- މާލެ ސަަރަހައްދުގެ އިތުރުން ށ، ނ، ރ، ބ، ކ، އދ، މ، ދ، ތ، ލ، ގއ އަދި ޏ އަތޮޅުގައި އިތުރު
  • ވައިރަލްހުން – ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަދި މާލެ ސަރަހައްދުގައި އިތުރު
  • ބޭރަށްހިންގުން: މާލެ ސަރަހައްދުގެ އިތުރުން ރ، ޅ، ކ، އދ، ތ، ގދ އަދި ޏ.އަތޮޅުގައި އިތުރު
  • އަރިދަފުސް ރޯގާ – އއ އަދި ދ ނޫން ހުރިހާ އަތޮޅެއްގައި އިތުރު

އެ އިދާރާ އިން ވަނީ، ބޭރަށް ހިންގުމާއި ޑެންގޫގެ އިތުރުން، އިތުރު ހަތަރު ބައްޔަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ ބަލިތަކަކީ:

  • ފާނަބަސަންދަ
  • ހުމާއި ރޯގާ
  • ލޮލު ރޯގާ
  • ހޭންޑް ފުޓް އެންޑް މައުތު

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުން އައިސް ކެއްސާނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.