ރައީސް އިބްރާހީމް މުހައްމަދު ސޯލިހާާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބަހްރައިންއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެ ދަތުރުފުޅަކީ ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި ރައީސްއާ ބަހްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ބަހްރައިން ސަރުކާރުގެ އެހެން ބައެއް އިއްޒަތްތެރިންނާވެސް ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމާއި ދެ ގައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ބަހްރައިންގެ ރަސްގެފާނު ބާއްވަވާ ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމާއި މަތީފަންތީގެ ބައްދަލުވުންތައް ބޭއްވެވުމަށް ހަމަޖެހިފައިވެއެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8 ވަނަ ދުވަހެވެ.