އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައެއް ދިފާއީ ހެކިންގެ ހެކިބަހާ މެދު ސުވާލު އުފައްދައި، ދޮގު ހެކި ދީފައިވާކަން ސާބިތުކޮށްދިނުމަށް ދައުލަތުން އާ ހެކިތަކެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެންބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. ނަރީޝް އާއި ޔާމީން
މިމައްސަލައިގައި ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައިވަނިކޮށް، މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުން އިތުރު ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ.
އެ ލިޔެކިޔުންތަކާ ގުޅޭގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ އެއީ ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ދީފައިވާ ހެކިބަހުގެ ތެދު ދޮގު ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ.
އެގޮތުން މިމުއާމަލާތާއި ގުޅޭ ބައެއްކަންކަން ކުރިއަށްދިޔަ އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާނެކަމަށް ދިފާއީ ހެކިންގެ ތެރެއިން އީވައިސީގައި ހިމެނިވަޑައިގަންނަވާ ހެކިވެރިވެރިޔަކު ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ އީވައިސީގެ ޔައުމިއްޔާ ހުށަހަޅާފައެވެ. އަދި މިމައްސަލާގައި ދިފާއުން ހުށަހެޅި ހެއްކެއްގެ ވަޒީފާގެ ހާޒިރީ ރެކޯޑުވެސް ދައުލަތުން ވަނީ ހުށަހަޅާފައެވެ.
ހެކިބަސް ނަގާ ނިމުނުފަހުން ދައުލަތުން ހެކިތަކެއް ހުށަހެޅުމާއި ގުޅިގެން ދިފާއީ ވަކީލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ދައުލަތުން ހެކި ހުށަހަޅަންޖެހޭނީ ދައުވާ ފޯމާއި އެކުގައިކަމަށާއި، ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ހެކި ހުށަނޭޅޭނެ ކަމަށް ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވީ، ފަރުވާތެރިކަން ނެތުމުގެ ސަބަބުން ތަހުގީގު މަރުޙަލާގައި ހޯދިފައިނުވާ ހެކިތަކަކީ އާ ހެކިތަކެއްކަމަކަށް ނުބެލެވޭނެ ކަމަށެވެ. ދައުލަތުން ހުށައަޅާފައިވާ ލިއުންތަކަކީ މީގެ ކުރިންވެސް އެކަށީގެންވާ މަސައްކަތް ކޮށްގެން ހޯދެން އޮތް ހެކިތަކެއްކަމަށް ޔޫސުފް ނައީމްގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނޭކަމަށް މިސާލެއްގެ ގޮތުން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ. ދެފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރައްވައި އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ލިއުންތަކާމެދު ގޮތެއް ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ ކަމަށެވެ.
މިމައްސަލާގައި މިހާތަނަށް ދިފާއީ ހެކިންގެ ގޮތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ޔާމީންގެ ޑްރައިވަރު ރަޝީދުގެ ހެކިބަސް ވަނީ ނަގާފައެވެ.
މިދިޔަ މަހު 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ، ޔާމީން ހަވާލުކުރެއްވި ފައިސާ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ހަވާލުކުރެއްވުމަށް އޭނާ އާ އެކު އަބްދުﷲ ރަޝީދު ދިޔަ ކަމަށް ހެކިބަސް ދީފައެވެ. އެދުވަހުގެ އަޑުއެހުމުގައި އެކަމަށް އެއްބަސްވެ، އަބްދުﷲ ރަޝީދު ބުނީ، ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ދިޔައިރު، އެ ގޭގެ ސިޓިން ރޫމުގައި ބަހައްޓާފައި ހުރި ދެ ދަބަހެއްގައި އެ ފައިސާ ހުރިކަމަށެވެ.
އޭނާ ބުނި ގޮތުގައި، އޭނާ އަކީ ޔާމީން ހަވާލުކުރެއްވި އެއް މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި މީހުންގެ ތެރެއިން އެކަކެވެ. އެ ފައިސާ ހަވާލުކުރުމުން، ފައިސާ ލިބުނު ކަމުގެ ލިޔުމުގައި ޔޫސުފް ނައީމް ވަގުތުން ސޮއިކުރެއްވި ކަމަށެވެ. އެ ފައިސާ ހަވާލުކުރީ ކަޅު ދަބަހެއްގައި ކަމަށާއި، އެ ފައިސާ އުފުލީ ނަރީޝް އާ އެއްކޮށް ކަމަށް ވެސް އަބްދުﷲ ބުންޏެވެ.
ޔާމީން ޑޮލަރު ބައްލަވައިގަންނަން ޔޫސުފް ނައީމާ މުއާމަލާތްކުރެއްވި ކަން ސާބިތުކޮށްދޭން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ ހެކިބަސް ދީފައެވެ.
ޝަރީއަތުގައި ޔޫސުފް ނައީމް ވިދާޅުވެފައި ވަނީ ޔާމީނަށް އެއް މިލިއަން ޑޮލަރު ވިއްކި ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ޝާހިދު ވިދާޅުވެފައި ވަނީ ޑޮލަރު ވިއްކާނެ މީހަކު ހޯދަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލަށް ޔާމީން 2015 ވަނަ އަހަރު ގުޅުއްވި ކަމަށެވެ. އެގޮތަށް ޔާމީން އެދިވަޑައިގަތުމުން އޭނާ ހުންނެވި ތަނެއްގައި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވި ކަމަށާއި އަދި ޑޮލަރު ވިއްކަން އެދުނު ކަމަށެވެ. ނަމަވެސް ޑޮލަރުގެ މުއާމަލާތް ހިނގި ތާރީހު ނޭނގޭ ކަމަށާއި އެކަމަކު އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމެއް ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.
ޝަހިދު މިހެން ވިދާޅުވެފައިވާ އިރު، މުހައްމަދު އިސްމާއިލް ވެސް ހެކިބަސް ދެމުން ވިދާޅުވެފައި ވަނީ ޔޫސުފް ނައީމަށް ގުޅައިގެން ޑޮލަރު ވިއްކަން އެދިވަޑައިގެންފައި ވާނެ ކަމަށެވެ.