ހަޔާތުގެ ބައިވެރިއަކަށް ރަނގަޅު ޒިންމާދާރު މީހެއް ހޯދުމަކީ އެންމެންވެސް ބޭނުންވާނެ ކަމެކެވެ. މީހަކާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ނުވަތަ ކައިވެންޏަކާ ހަމައަށް ދިޔުމުގެ ކުރިން ބައިވެރިޔާގެ ގައި ގައި ތިމާ ލައިކުވާ ސިފަތަކެއް ހުރިތޯ އެންމެންވެސް ބަލާނެއެވެ. މީހާ ހުންނަ ގޮތަކުން މީހެއްގެ ގޮތެއް ނޭނގޭނެއެވެ. ބައިވެރިޔާގެ ގޮތް ކޮންމެވެސް ވަރަކަށް އެނގޭނީ އޭނާ އާއެކު ވަގުތު ހޭދަކޮށް އޭނާ އާ ވާހަކަ ދައްކައިގެންނެވެ. މިހާރު ކައިވެނި ކޮށްގެން ތިއުޅެނީ އެންމެ ވަފާތެރި މީހާތޯ ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟
ރިލޭޝަންޝިޕް ސައިކޮތެރަޕިސްޓް ކޭޓް މޮއިލް ބުނާގޮތުގައި ދެމީހުން ރުޅިގަދަވެގެން ޒުވާބު ކުރާ ހަމައަށް ދާއިރުވެސް އެކަން ހައްލުވާނެ ކަމުގެ ޔަގީންކަމާއި އިތުބާރު އެކަކު އަނެކަކަށް އޮންނަނަމަ ތިއުޅެވެނީ އެންމެ ރަނގަޅު ބައިވެރިޔާ އާ އެކުގައެވެ. އެކަކު އަނެނަކު ބޭނުންވާ ކަންތައްތައް ކޮށްދޭން އަނެކާގެ އުފާތައް ގުރުބާން ކޮށްފައި އެކުގައި ހޭދަކުރާ ވަގުތު ލޯތްބާއި އަޅާލުމާއެކު ހޭދަކުރާ ބައިވެރިއަކީ ދިރިއުޅުމުގައި ބައިވެރިއަކަށް ހަދަން އެންމެ ރަނގަޅު މީހާއެވެ.
ހަމައެއާއެކު ތިމާގެ އުނި ސިފަތަކަށް ފާޑުނުކިޔާ މީހާ ހުންނަ ގޮތާމެދު ފާޑުނުކިޔާ ބައިވެރިއެއް ހޯދުން ވަރަށް މުހިއްމު ކަމަށް ކޭޓް ބުނެއެވެ. ސަބަބަކީ އަމިއްލަ ނަފްސާ މެދު ވިސްނުން ރަނގަޅަށް ބެހެއްޓުމުން އޭނާއަށް ދިމާވާ ނަފްސާނީ ބޮޑެތި މައްސަލަތަކުން އަރައިގަންނަން ފަސޭހަވެ ބައިވެރިޔާގެ އެހީ އެކަމުގައި ބޮޑަށް ލިބޭނެތީއެވެ. ތިމާ އާ މެދު ވިސްނައި މޯޓިވޭޓްކޮށް ބަހައްޓާއި ތިމާ ދައްކާ ވާހަކަ ކަނުލާ އަޑުއަހަން އިންނަ ކެތްތެރި މީހެއް ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ހުރެއްޖެނަމަ އެ އާއިލާއެއް ގިނަ ދުވަހަށް ދެމިގެންދާނެއެވެ.
އެކަކު އަނެކަކު ދެބަސްވާ ކަމެއް މެދުވެރިވެއްޖެ ނަމަ ޒުވާބުނުކޮށް ތަޅާފޮޅުމެއް ނެތި އެކަން ހައްލު ކުރެވޭފަދަ ބައިވެރިއެއް ތިބާ އާ އެކުވާނަމަ ތިބާ އަކީ ނަސީބުވެރިއެއް ކަމަށް ކޭޓް ދެކެއެވެ.
"ދެމީހުން އެކަކު އަނެކަކުގެ ވިސްނުމަށް އިހްތިރާމް ކުރަންޖެހޭ. އެއް ކަމެއްގައި ދެމީހުން ދެކޭ ގޮތް ތަފާތުވެދާނެ. އެއިން އެންމެ ރަނގަޅުގޮތަކީ ކޮބައިކަން ހޯދަން ދެމީހުން ވާހަކަ ދައްކަން ޖެހޭ" ކޭޓް ބުންޏެވެ.
ބައިވެރިޔާ ދެކެ ވާ ލޯބި ހާމަކުރުމަށް ކުދި ކުދި ކަންތައްތައް ގޭތެރޭގައި ކޮށްދޭ ބައިވެރިޔާ އާއި ގެއަށް އައިސް ވަންނަ ގޮތަށް ޒުވާބުކުރާ ބައިވެރިޔާ އާ ހާސްބައި ތަފާތެވެ. ތިމާ ކައިރީގައި ތިމާގެ އާއިލާ އާއި ރަހުމަތްތެރިންވެސް ލޯބިވާފަދަ ބައިވެރިއެއް ހުރެއްޖަނަމަ ތިބާ ގެންގުޅޭ ބައިވެރިޔަކީ ރަނގަޅު ބައިވެރިއެއް ކަމަށް ބެލެވިދާނެއެވެ.