ޕެސިފިކް ކަނޑުގައި އެމެރިކާއިން ބާރުހިންގާ ގުއާމަށް ފޯރާ ވަރުގެ ބެލެސްޓިކް މިސައިލެއް އުތުރު ކޮރެއާއިން ޓެސްޓް ކޮށްފިއެވެ. ޖަޕާނުގެ މަތިން ގޮސް 4500 ކިލޯމީޓަރުގެ ދުރަށް ދަތުރު ކުރެވޭ ގާބިލުކަން ލިބިފައިވާ މިސައިލް މިއަދު ޓެސްޓްކޮށްފައި ވާއިރު، މިއީ ފާއިތުވި 2 ހަފްތާ ތެރޭ ޓެސްޓް ކުރި 5 މިސައިލްގެ ތެރެއިން އެކައްޗެވެ.
2017 އަށް ފަހު ޖަޕާނުގެ މަތިން މިސައިލެއް ފޮނުވާލާފައި ނުވާއިރު މި މިސައިލް އެރުވުމާއެކު ފެނުނު ޖަޕާނުގެ ބައެއް މީހުން ރައްކާތެރި ތަންތަނަށް ވަން ކަމަށް ހަބަރުތައް ބުނެއެވެ. އަދި މިސައިލްގެ އަޑާއެކު ޖަޕާނުގެ އުތުރުން ހޮކައިޑޯ އާއި އައުމޯރީގައި ނުރައްކަލެއްކަން އަނގައިދޭ ސައިރަން އަޅާ، އިމާރާތްތަކުން ނުކުތުމަށް ނުވަތަ ބިންގަރާސްތަކަށް ވަނުމަށް އަންގާ އާންމުންގެ ފޯނުތަކަށް މެސެޖު ވެސް ފޮނުވާފައި ވެއެވެ. އަދި ލައުޑްސްޕީކަރުތަކުން އިންޒާރުގެ ރަނގަބީލު އަޅަމުން ދިޔަ ކަމަށާއި، މިސައިލްގެ ބައިތައް ވެއްޓިދާނެ ކަމަށް ރައްކާތެރިވުމަށްވެސް ގޮވަމުން ދިޔައެވެ.
އުތުރު ކޮރެއާއިން، ބެލެސްޓިކް މިސައިލާއި، ނިއުކްލިއާ ޓެސްޓް ކުރުން އދ އިން މަނާކޮށްފައި އޮތަސް އެ އަކަށް ބެލުމެއް ނެތި އެ ގައުމުން ދަނީ އިރުއިރުކޮޅާ މިސައިލެއް ޓެސްޓް ކުރަމުންނެވެ.
އުތުރު ކޮރެއާއިން ޓެސްޓް ކުރި މި މިސައިލްގެ ބޭނުމަކީ ޖަޕާނުގެ ޓޯކިޔޯއާއި ވޮޝިންޓަނަށް މެސެޖެއް ދިނުން ކަމަށް މުރާސިލުން ބުނެފައި ޥާއިރު މި މިސައިލް ވެއްޓުނީ ޖަޕާނާ ދުރުން ޕެސިފިކް ކަނޑަށް ކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.
ޖަޕާނުގެ މަތިން 1000 ކިލޯމީޓަރު މައްޗަށް މިސައިލް އެރި ކަމަށާއި އެއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ވުރެވެސް މަތިކަމަށް ހަބަރުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ޖަޕާނުން ބުނީ، އެގައުމުގެ ދިފާއު ވަރުގަދަ ކޮށް ރައްދު ދިނުމުގެ ގާބިލުކަން އިތުރު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށާއި އުތުރު ކޮރެއާއަކީ ނުރައްކާ އަހުލާގެއް ގެންގުޅޭ ބައެއް ކަމަށެވެ.
އެމެރިކާއިން ވެސް ވަނީ މި މައްސަލައިގައި އުތުރު ކޮރެއާއިން ކުރި ޓެސްޓް ކުށްވެރިކޮށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އުތުރު ކޮރެއާއިން މި މިސައިލް ޓެސްޓް ކުރި އިރު ނިމިދިޔަ ހަފްތާގައި، އެމެރިކާއާއި ދެކުނު ކޮރެއާއާއި ޖަޕާން ގުޅިގެން އަސްކަރީ ހުނަރު އިތުރު ކުރުމުގެ ސަރަހައްދީ ހަރަކާތެެއް ކުރިއަށް ގެންގޮސްފައި ވެއެވެ.
އިންޓެލިޖަންސް މައުލޫމާތުތަކަށް ބުރަވެ މުރާސިލުން ހާމަ ކުރާ ގޮތުން، މާ ލަސްތަކެއް ނުވެ އުތުރު ކޮރެއާއިން ނިއުކްލިއާ މިސައިލެއްވެސް ޓެސްޓް ކުރާނެއެވެ.