ފަތުރުވެރިކަމުގެ ދާއިރާއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެތައްހާސް ވަޒީފާއެއް އަލަށް އުފެއްދިއްޖެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ އިސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބާނީންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ނޮވެމްބަރު 17، 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށާއި އޭގެ ތެރޭގައި 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށާއި އެ ތަންތަން ހުޅުވުމާއެކު ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުންވެސް އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާ ކަމަށެވެ.

ރާއްޖޭގެ އިގުތިސޯދު ހަލުވި ދުވެލީގައި ކުރިޔަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާއަތު ކަމަށާއި ފަތުރުވެރިކަމުގެ ބާނީންނަށް މިއަދު ޝުކުރު އަދާކުރައްވަން ޖެހިވަޑައިގަންނަވަނީ އެހެންވެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މި ސިނާއަތު ސިންދަފާތު ކުރުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އެއް އަމާޒު ކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަރނޭޝަލް އެއާޕޯޓުގެ ތަރައްގީކުރެވި އަދި ވައިގެ ސީ ޕްލޭންގެ ވިއުގަ ފުޅާވުމާއެކު އާރްޓީއެލް ފެރީތަކުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފައި ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ގައުމީ ވާޖިބެއް ކަމަށާއި ރާއްޖެއާމެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ.