ގުޅުމެއް ގިނަ ދުވަހަށް ދެމި އޮންނާނީ ދެމީހުން ވެސް އެކަކު އަނެކަކަށް އިތުބާރުކޮށްގެންނެވެ. ދެ މީހުންގެ ތެރެއިން އެކަކު ވެސް އަނެކާ އަށް އޮޅުވާލާ ބޭވަފާތެރިވެއްޖެ ނަމަ އަލުން އެގުޅުމެއް ކުރިން އޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެއެވެ. ނަމަވެސް ބައިވެރިޔާ ދެކެވާ ލޯބިން ގިނަ ފަހަރު އެކަން ހަނދާން ނައްތާލުމަށްފަހު ބައިވެރިޔާ އާއެކު އުޅެއެވެ. ނަމަވެސް ދެމީހުންގެ މެދުގައި ކުނި ޖެހި އަބަދު ޒުވާބު ކުރަންޖެހޭ ފަހަރު ވެސް މަދެއް ނޫނެވެ.

ދިހަ އަހަރުވަންދެން އެކުގައި އުޅުނަސްވެސް މީހެއްގެ ހަގީގަތެއް ނޭނގޭނެއެވެ. އެންމެ ހީނުކުރާ މީހާވެސް އޭނާގެ ބައިވެރިޔާ އަށް ބޭވަފާތެރިވެދާނެއެވެ. މި އާޓިކަލްގައި ހިމަނާލާނީ ތިބާގެ ބައިވެރިޔާ ތިބާ އަށް ބޭވަފާތެރިވާކަން އެނގޭނެ ބައެއް ގޮތްތަކެވެ.

ޕްރައިވެޓް އިންވެސްޓިގޭޓާ ޓޮމް މާޓިން ގަބޫލުކުރާ ގޮތުގައި ބައިވެރިޔާ އަށް ބޭވަފާތެރިވާ ކޮންމެ މީހެއްގެ ކިބައިގައި ވެސް އެއްކަހަލަ ސިފަތަކެއް އާންމުކޮށް ފެންނަން ފަށާނެ ކަމަށެވެ. މާޓިން ބުނީ ބޭވަފާތެރިވާކަމުގެ ދެ ކަމެއް ބައިވެރިޔާގެ ކިބައިން ފެނުނަސް އެއީ މާބޮޑު ކަމެއް ނޫންކަމަށާއި އެކަމަކު މި ލިސްޓުގެ ތެރެއިން މަދުވެގެން ހަތަރުކަމެއް ތިބާގެ ބައިވެރިޔާގެ ކިބައިން ފެންނަނަމަ އެއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މާޓިން ބުނީ ބޭވަފާތެރިންގެ އެންމެ އާންމު ކަމަކީ ކުރިއާ ހިލާފަށް މާގިނަ ވަގުތު ވަޒީފާގެ މާހައުލުގައި ވަގުތު ހޭދަކުރުން ކަމަށެވެ. އަދި ކުއްލި ކުއްލި އަށް މާގިނައިން "ބިޒްނަސް ޓްރިޕް" ތަކުގައި އެކި ހިސާބުތަކަށް ދަތުރުކުރުން ކަމަށެވެ. އަދި ކުރިން ފިޓްނަސް އަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހަކު އަދި ހެދުން އަޅާގޮތާއި މެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓާ މީހަކު ކުއްލިއަކަށް އެކަން ބަދަލުވެ ޖިމަށް ދާން ފެށުމާއި އަބަދުވެސް ބޭރަށް ދާއިރު ފަރިވެލައިގެން ދިޔުން މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ދެކެއެވެ.

ހަމައެއާއެކު ދެމަފިރިން އެކުގައި ފާހަގަކުރާ ހާއްސަ ދުވަސްތައް ކުއްލިއަކަށް ހަނދާންނެތުމާއި އާއިލީ ބައްދަލުވުންތަކަށް ކުރިން ގޮސް ހުރެ އެ ތަންތަނަށް ނުގޮސް ހުއްޓާލުމަކީ ބައިވެރިޔާ ތިބާއަށް ބޭވަފާތެރިވާ ކަމުގެ ނިޝާނެކެވެ. މާޓިން ބުނީ ސޯޝަލް މީޑިއާގެ ވަގު އެކައުންޓްތައް ގެންގުޅުމާއި ގެންގުޅޭ ފޯނު ނަންބަރު ނޫން އެހެން ވަގު ނަމްބަރެއް ގެއްގުޅުމުގެ އިތުރުން ވަގު ކްރެޑިޓް ކާޑެއް ގެންގުޅުމަކީ ވެސް އޭގެ ނިޝާނެއް ކަމަށެވެ.

އަދި ކުރިން ދެމަފިރިންގެ ގުޅުމުގައި ގެއަށް ސަޕްރައިޒް ވިޒިޓް ކުރުމުން މާބޮޑު ކަމަކަށް ނުހަދާ ކުއްލިއަކަށް އެކަން ވެސް ބޮޑުކަމަކަށް ވުމަކީ ނުރައްކާތެރި އިންޒާރެއް ކަމަށް މާޓިން ބުނެއެވެ. އަދި އޭގެ ސަބަބުން ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ޒުވާބުކުރަން ޖެހުމަކީ ވެސް ބޭވަފާތެރިވާކަމުގެ ނިޝާނެކެވެ.

ތިބާގެ ބައިވެރިޔާގެ ކިބައިން މި ފަދަ ކަންތައްތަކެއް ފެންނަމަ ބައިވެރިޔާ އާއި އެއްތަނެއްގައި ތިބެ މުއާމަލާތްކުރާށެވެ. ރުޅިއިސް ނުކޮށް ހަޅޭއްނުލަވާ އޭނާގެ ވާހަކަ އަޑުއަހާށެވެ. ދެމީހުންގެ ވެސް "އަންޑަސްޓޭންޑިން" ގެ ބައި ބޮޑުކޮށް ގިނައިން ދެމަފިރިން މުއާމަލާތްކުރުމުން އެ ގުޅުމެއް ވަރުގަދަވެގެންދާ ކަމަށްވެސް މާޓިން ބުނެއެވެ.