އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައީސްގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައެވެ. ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ގިނަ ގުނަ ހިދުމަތްތައް ފާހަގަކުރައްވައި ވަނީ ތައުރީފްކުރައްވާފައެވެ. އަދި ރައީސް ސޯލިހު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކެނޑިނޭޅި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މި ފަހުގެ އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން އުފަލާއިއެކު ފާހަގަކުރައްވާފައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ކޮވިޑް19 އިން އަރައިގަތުމަށް މެނޭޖްކޮށް އިގުތިސޯދީ ހާލަތު ކުރިއެކޭ އެއް ހަމަޔަކަށް އިއާދަކުރުމުން ރާއްޖެ ވަނީ އެހެން ގައުމުތަކަށް ނަމޫނާ ގައުމަކަށް ވެފައި ކަމަށައި ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ސަރަހައްދީ ބައިވެރިޔާކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވެސް ވަނީ ވިދާޅުވެއެވެ.