މާލޭ ސަރަހައްދުގައި ފެށި މިނީ ބަހުގެ ހިދުމަތަށް މާދަމާ އަގު ނަގަން ފަށާއިރު ފައިސާ ދީ ދަތުރު ކުރާނަމަ ދަތުރަށް އަރަން ވާނީ ސީދާ 7 ރުފިޔާ ހިފައިގެން ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައި ވަނީ މިދިޔަ މަހު 5 ވަނަ ދުވަހުއެވެ. މިގޮތުން ފުރަތަމަ ދެ ހަފުތާގައި މިނީ ބަހުން ހިލޭ ދަތުރު ކުރެވުނު ނަމަވެސް މާދަމާއިން ފެށިގެން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމާ ގުޅިގެން އެމްޓީސީސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ބަހުގައި ދަތުރު ކުރަން ޓިކެޓް ލިބޭނެ ގިނަ ގޮތްތަކެއް ހަމަޖައްސަވާފައި ވާ ކަމަށާއި އޭގެ ތެރެއިން ނަގުދު ފައިސާއިން ދަތުރު ކުރާ ފަރާތްތަކުން ސީދާ 7ރ ގެންނަން ވާނެ ކަމަށެވެ.

"ބަހުގައި ނުހުންނާނެ ޗޭންޖް ކުރެވޭކަށް، ފައިސާ ލާން ހުންނާނީ ފޮއްޓެއް، ކޮންޑަކްޓަރުން ފައިސާގަައި އަތެއް ނުލާނެ، ޗޭންޖް ދެވެން ނުހުންނާނެތީ ގެންނަން ވާނީ ސީދާ 7ރ" އާޒިމް ވިދާޅުވިއެވެ.

އާރްޓީއެލް މާލޭ ބަހުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލާލެވެން ހުންނާނެ ކަމަށާއި ބަސް މަޑުކުރާ ތަންތަނުން ބަހަށް އަރާ ފޮއްޓަށް ފައިސާ ލުމުން ކޮންޑެކްޓަރުން ކަރުދާސް ޓިކެޓު ދޫކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ފައިސާ ނަމަ ކަސްޓަމަރުން ފޮއްޓަށް ޖަމާކުރަން ވާނީ 7 ރުފިޔާ، ފައިސާ މާރުކުރެވެން ނުހުންނަނީ ވަގުތު ސަލާމަތް ކުރުމަށާއި ޝެޑިއުލަށް ބުރޫއެރިޔަ ނުދިނުމަށް
އެމްޓީސީސީ

ކަރުދާސް ޓިކެޓު ތައާރަފް ކުރީ ޓެކްނޮލޮޖީއާ ރަށްޓެހި ނޫން އިސްރަށްވެހިންގެ ފަސޭހައަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، އީއެމްވީ ކާޑު މި މަސްތެރޭ ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ކޯ ބްރޭންޑެޑް ކާޑު މިއަހަރު ނިމޭކޮޅު ތައާރަފް ކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއިން ބުނީ މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ގަނެވޭނެ ކަމަށެވެ. އަދި އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯ އަދި ގޫގްލް ޕްލޭ ސްޓޯއިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ޓިކެޓް ވިއްކައިގެން ދަތުރުކުރަން މާދަމާ ފެށިނަމަވެސް އެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.

މިނީ ބަސްތައް ދަތުރުކުރާނީ 3 ރޫޓަކުންނެވެ. އެއީ:

  • އެއީ އޯކިޑް ރޫޓް، އަމީނީ ރޫޓް އަދި ސޯސަން ރޫޓެވެ.
  • އަމީނީ ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. ސޯސަން ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.

މައިގަނޑު ގޮތެއްގައި މިނީ ބަސް ދަތުރުކުރާނީ މަޖީދީމަގާއި އަމީނީމަގުގައެވެ. އަދި އޯކިޑުމަގު ގައި ވެސް މިނީ ބަސް ދަތުރު ކުރާނެއެވެ. އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި ޕާކްކުރުން މަނާކޮށް، ސިޓީ ކައުންސިލުން ވަނީ ޕާކިން ޒޯންތައް ގާއިމްކޮށް، މަގުމަތީގެ ނިޝާންތަކުގެ ކުލަ އާކޮށް، ޓްރެފިކް ބޯޑު ހަރުކޮށްފައެވެ.

މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 9000 މީހުން ބަހުގައި ދަތުރު ކުރާއިރު މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.

މާލޭގެ އިތުރުން، މިނީ ބަހުގެ ހިދުމަތް ދިނުމަސް ހަމަޖެހިފައިވަނީ ލ. ގަން، ފުނަދޫ، އިސްދޫ ކަލައިދޫގެ އިތުރުން އައްޑުއާއި ފުވައްމުލަކުގައެވެ.