ކުޅަދާނަ އެކްޓަރު ވަރުން ދަވަން އާއި ބަތަލާ ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބޭޅިޔާ"ގެ ޓީޒާއެއް ދައްކާލައިފިއެވެ.

މި ފިލްމުވެގެންދާނީ މި ދެތަރިންގެ މުޅި ފިލްމީ ކެރިއަރުގެވެސް އެންމެ ތަފާތު ފިލްމަށެވެ. ފިލްމުގެ ޓީޒާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ފިލްމުގެ ޓްރެއިލާ ރިލީޒްކުރާނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ. އަދި އެ ދުވަހަކީ ވަރުންގެ ފިލްމީ ކެރިއަރަށް 10 އަހަރު ފުރޭ ދުވަސްވެސް މެއެވެ. އެކްޓަރު ވަރުން ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން އާލިއާ ބަޓް އާއި ސިދާތު މަލްހަތްރާ އާއެކުގައެވެ.

އިންޑިއާގެ އަރުނަޗަލް ޕްރަދޭޝްގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދިޔައިރު މި ފިލްމަކީ ބިރުވެރި މަޖާ ފިލްމެކެވެ. އިންސާނުންނާއެކު ޖަނަވާރުން ވެސް ޝިކާރަ ކުރާނެ ބޮޑު ޖަނަވާރެއް މި ފިލްމުގައި އުޅޭނެއެވެ. އެއީ "ވުލްފް" އެކެވެ. މި މަހުގެ 25 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމަށް މިހާރު އަންނަނީ ޓިކެޓް ބުކް ކުރަމުންނެވެ.

އެކްޓަރު ވަރުން އާއި ކްރިތީ ވަނީ މީގެ ކުރިން އެއްކޮށް މަސައްކަތްކޮށްފައެވެ. އެއީ ކާޖޮލް އާއި ޝާހްރުކް ހާން އާއެކު "ދިލްވާލޭ" ގައެވެ. އެ ފިލްމުގައި ވަރުން އާއި ކްރިތީގެ ރޯލަށް ގިނަ ބަޔަކު ތަރުހީބު ދިން އިރު ދެމީހުންގެ ފޭނުން ތިބީ ދެތަރިން އަނެއްކާވެސް ފިލްމެއް ކުޅޭނެ ދުވަހަކަށް އިންތިޒާރުކޮށްކޮށެވެ.