އޮންލައިން ޕްލެޓްފޯމެއްގައި އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 14 ޕްރީ އޯޑަރަށް ގެނެސްދޭ ކަމަށް ބުނެ ސްކޭމެއް ހިންގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން އަދި ފުލުހުން އިތުރު މައުލޫމާތެއް ހިއްސާ ނުކުރި ނަމަވެސް އެފަދަ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި އަދި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި ސްކޭމް ޖައްސާފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ. "އީކޮމާސް އިލެކްޓްރޯނިކްސް މޯލްޑިވްސް (އީއީއެމް)" ގެ ނަމުގައި ހިންގާ އިންސްޓަގްރާމް ޕޭޖުގައި ވަނީ ގިވް އަވޭއަށް ވެސް ފުލް އެޕަލް ޕެކޭޖެއް ދޭނެ ކަމުގެ ޕޯސްޓެއް ކޮށްފައެވެ. ހަމައެއާއެކު ޕްރީއޯޑަރަށް އެންމެ ފަހުން ނެރުނު އައިފޯން 14 ގެ މޮޑެލް ގެނެސްދޭނެ ކަމަށް ވެސް ޕޯސްޓެއް ކޮށްފައި ވެއެވެ.

މި ޕޭޖުން ޖައްސާފައިވާ ސްކޭމް އާންމުންގެ ސަމާލުކަމަށް ގެނައުމަށް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި އެ ޕޭޖާއެކު ކޮށްފައިވާ މުއާމަލާތުގެ ސްކްރީން ޝޮޓްތައް ދައުރުވަމުންނެވެ. އެ މުއާމަލާތަކީ އެޕޭޖުގެ ނަންބަރު ކަމަށް ޖަހާފައިވާ 9912523 މޯބައިލް ނަންބަރާ އެކު ވައިބާ އިން ކޮށްފައިވާ މުއާމާލާތްތަކެވެ.

އެ ގޮތުން ފައިސާ ދައްކާފައި އޭގެ ސްލިޕް ވައިބާ މެދުވެރިކޮށް ފޮނުވާފައިވާ ޗެޓްލޮގްގެ ސްކްރީން ޝޮޓްތައް ވެސް ހިމެނެއެވެ. ފައިސާ ދެއްކުމުން މި މަހުގެ 3 އަދި 5 ހިސާބުގައި ފޯން ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ. ނަމަވެސް ފަހުން އެއްވެސް ވަރަކަށް އެ ނަންބަރަކަށް ވައިބާ މެދުވެރިކޮށް މެސެޖު ފޮނުވޭ ގޮތް ނުވެފައިވާ ކަމަށް ދައްކާ ސްކްރީން ޝޮޓެއް ވެސް ވަނީ އާންމު ވެފައެވެ.

އަދި އޭގެ ފަހުން އެ ނަނބަރުން އެއްވެސް މެސެޖަކަށް ޖަވާބު ދީފައި ނުވާ ކަމަށާއި އެ ނަންބަރު ވެސް ވަނީ ޑީއެކްޓިވޭޓް ކޮށްލާފައި ކަމަށް މައުލޫމާތު ލިބެއެވެ.