ރަޝިއާއިން ޔޫކްރައިންގެ 4 ސަރަހައްދެއްގެ މިލްކުވެރިކަން އަމިއްލައަށް ނެގުމުން އެކަން ކުށްވެރިކުރަށް އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި މައްސަލަ ރަޝިއާއިން ވީޓޯ ކޮށް ބޭރުކޮށްލައިފިއެވެ.
އެމެރިކާއިން ސަލާމަތީ މަޖިލީހުގައި އިންނަވާ އެމްބެސެޑަރު ލިންޑާ ތޯމަސް ގްރީންފީލްޑް ހުށަހެޅުއްވި ގަރާރު ރަޝިއާއިން ވީޓޯކޮށް ބޭރު ކޮށްލި އިރު، ޗައިނާ އާއި އިންޑިއާއިން އިހުތިޔާރު ކުރީ ވަކިކޮޅަކަށް ނުޖެހި ހަނު ތިބޭށެވެ.
އެމެރިކާގެ ހުށަހެޅުމުގައި އޮތީ، ރަޝިއާއިން ވެރިކޮށްލި 4 ސަރަހައްދަކީ ރަޝިއާގެ ތަންތަނުގެ ގޮތުގައި ބަލައިނުގަތުމާ އެކު ޔޫކްރައިން އިން ރަޝިއާ ސިފައިން ބޭލުމަށް ގޮވާލާފައެވެ. އަދި ރަޝިއާގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއްކަމަށް ކަނޑައަޅަންވެސް ހިމަނާފައި އޮތެވެ.
ރަޝިއާއިން އަތްދަށުލި 4 ސަރަހައްދަކީ، ދެވަނަ ބޮޑުހަނގުރާމަ އަށް ފަހު ޔޫރަޕްގައި ގަދަބާރުން ބަޔަކު އަމިއްލަ ކޮށްލި އެންމެ ބޮޑު ސަރަހައްދެވެ. ރަޝިއާއިން އަމިއްލަ ކުރި ޑޮނެސްކް، ލުހާންސްކް، ކެރޮސަން އަދި ޒެޕޮރީޒިއާ އަކީ ޔުކްރައިން ބިމުގެ 15 ޕަސެންޓެވެ.
އަލްބޭނިއާ އިން ސްޕޮންސާކޮށް އެމެރިކާއިން ހުށަހެޅި މި ގަރާރާ އެއްކޮޅަށް 10 ގައުމަކުން ވޯޓު ދިނެވެ. މި ގަރާރާ ގުޅިގެން ރަޝިއާ އާ އެއްކޮޅަށް ނުވަތަ ތާއީދުކޮށް އެއްވެސް ގައުމަކުން ވޯޓު ދީފައި ނުވާ އިރު ވަކި ކޮޅަކަށް ވޯޓު ނުދޭ ގައުމުތަކުގެ ތެރޭގައު ގެބޮން އާއި ބްރެޒިލް ވެސް ހިމެނެއެވެ.
މި ޖަލްސާއި ބައިވެރިވެ ވަޑައިގެންނެވި ރަޝިއާގެ އެމްބެސެޑަރު ވަސިލީ ނެބެންޒިއާ ވިދާޅުވީ، ރަޝިއާގެ ބައެއްގެ ގޮތުގައި އިއުލާން ކުރި 4 ސަރަހައްދުން ރަޝިއާ އާ ގުޅެން ނިންމީ އަމިއްލައަށް ކަމަށާއި، އެކަން ބަދަލުވާން ނެތް ކަމަށެވެ.
މި ޖަލްސާއި ޔޫކްރައިންގެ އެމްބަސެޑަރު ސާޖިޔެ ކިސްލީސިޔާ ވިދާޅުވީ، ގަރާރާ ދެކޮޅު ހެދި ހަމައެކަނި ގައުމަކީ ރަޝިއާއަށް ވުމުން، ބައިނަލްއަގުމާމީ މުޖުތަމައުގައި ރަޝިއާ އިތުރަށް އެކަހެރިވެގެން ހިނގައްޖެ ކަމަށާއި އެއީ، އެ ހަގީގަތް ރަޝިއާއިން ގަބޫލު ނުކުރި ނަމަވެސް ބައިނަލްއަގުވާމީ މުއާހަދާތަކަށް ދުނިޔެ ބޯ ލަނބާތަން ސާފުވެވަޑައިގަންނަވާ ކަމަށެވެ.
މި ޖަލްސާގައި ޗައިނާއިން ވަކިކޮޅަކަށް ވޯޓު ނުދިން ނަމަވެސް ޔޫކްރައިން ހަނގުރާމަ ދިގުލައިގެން ދާތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.