ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓުތައް ނިންމައި، މުވައްޒަފުންނާ އެ ތަންތަން ހަވާލުކޮށްފިއެވެ.

ފްލެޓުގެ މަސައްކަތްތައް ނިންމައި، ފްލެޓުވެރިންނާ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ހެނދުނު، ދެ ޓަވަރުގެ މެދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކުންފުންޏަކަށް އެމްއޭސީއެލް ވާނެ ކަމަށެވެ

"މިތަނުގައި މުވައްޒަފުން މަސައްކަތްކުރަމުން ދަނީ ވަރަށް ބުރަކޮށް، ވަރަށް ހީވާގިކަމާ އެކު. އާދެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަޅުގަނޑުމެން މެނޭޖުކުރަމުން މި ގެންދަނީ އަޅުގަނޑުމެންގެ ސްޓާފުންގެ މިންނެތް މަސައްކަތުން."

އެމްއޭސީއެލްގެ ފްލެޓުތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފްލެޓު ލިބުނު މުވައްޒަފުން ބައިވެރިވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

މަހްޖޫބު ވިދާޅުވި ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުން، ގައުމަށް ދިމާވާ އެކި ކާރިސާތަކާ ގުޅިގެން ބުރަކޮށް މަސައްކަތްކޮށްފައިވެއެވެ. އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި މުވައްޒަފުން ކުރި މަސައްކަތާއި، އަލިފާނުގެ ބައެއް ހާދިސާތަކުގައި ސިފައިންނާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އެ ހުރިހާ މަސައްކަތްތަކަށް ބެލުމަށް ފަހު މުވައްޒަފުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށްޓަކައި އެކި އިނާޔަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށާއި، މީގެ ހަތަރު އަހަރު ކުރިން ފްލެޓު އެޅުމުގެ މަސައްކަތް ފެށީ ވެސް އެ ވިސްނުމުގައި ކަމަށް، އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލުން ބުނީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކޮށްގެން އިމާރާތްކުރި ފްލެޓްތަކަށް ފައިސާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށް، ޑައުންޕޭމަންޓު ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދީފައިވާ ކަމަށެވެ.

އެ ކުންފުނިން އިމާރާތްކޮށްފައި ވަނީ 14 ބުރީގެ ދެ ޓަވަރުގައި 384 އެޕާޓްމަންޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 240 އެޕާޓްމަންޓެވެ.