ގިނަ އަދަދެއްގެ ބަޔަކާ އެކު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކޮށް ބަންދުކުރި ތިން މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު ހަމަވުމުން އިތުރު ކޮށްފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ފަސް މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ، އެ ދެ މީހުން ވަނީ ދޫކޮށްލައި ފައެވެ. މިހާރު ބަންދުގައި ތިބި މީހުންގެ ތެރެއިން މިހާރު ފިޔަވާ ދެން ތިބި 2 މީހުންގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެއެވެ.

މިޙާރު ބަންދުގައި ތިބި ތިން މީހުންނަކީ:

  1. ހަމްދޫން އަބްދުﷲ، އަކިރި / ބ. ދަރަވަންދޫ (37އ) - 15 ދުވަސް
  2. މުހައްމަދު މިހާދު މުސްތަފާ، ހީމަ / ބ. ދަރަވަންދޫ (24އ) - ހަތް ދުވަސް
  3. މައުމޫން މޫސާ، ސީސްޓާ / ށ. ފުނަދޫ (41އ) - 10 ދުވަސް

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން މިހާދުގެ ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ވީޑިއޯކުރި އަލަމްގީރުގެ ވީޑިއޯތައް ލީކުވީ ތިން މަސް ކުރިންނެވެ. އެއްޖިންސުން ގުޅުން ހިންގި ކަމަށާއި ވީޑިއޯކުރި ކަމަށް އިއުތިރާފް ވުމުން، އަލަމްގީރު ދަނީ ޖުމްލަ ތިން އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ތިން މަސްދުވަހަށް ގޭގައި ބަންދުކުރި އިރު، ހަމަ އެ މައްސަލައިގައި ފުލުހެއްގެ ގޮތުގައި ހުރި އަބްދުއްރަހްމާން ރަފީއު ވަނީ އެއް އަހަރާއި ދެ މަހަށް ޖަލަށް ލައިފައެވެ.