ރޭ ނިޔާވި ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދަކީ ކަރެކްޝަނަލް ސާވިސްގައި 8 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މީހެއްކަން އެ ސާވިސްއިން ބުނެފިއެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ‏މާފުށީ ޖަލުގައި ރޭ ޑިއުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައި ކަމަށެވެ.

ނައުޝާދު ނިޔާވީ ކޮން ސިއްހީ މައްސަލައެއް ދިމާވެގެން ކަމެއް ކަރެކްޝަންސްއިން ހާމަނުކުރި ނަމަވެސް އޭނާ ނިޔާވީ ޑިއުޓީގައި ހުއްޓާ މެޔަށް އެރި ތަދަކާއެކު އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދަނިކޮށް ކަމަށް އެ ސާވިސްގައި މަސައްކަތްކުރަމުން އަންނަ އޮފިސަރަކު ވަނީ "ދަ ޕްރެސް" އަށް ކަށަވަރުކޮށްދީފައެވެ.

ކަރެކްޝަންސްއިން ބުނީ މާފުށި ޖަލުގައި ޑިއުޓީ ކުރަމުން ދަނިކޮށް ނިޔާވި ނައުޝާދު ސާވިސްގެ ހިދުމަތާ ގުޅުނީ ފެބްރުއަރީ 3، 2014ގައި ކަމަށާއި އޭނާ މާފުށީ ޖަލުގެ އެކިއެކި ޔުނިޓްތަކުގައި ނުހަނު އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްދެއްވާފައިވާ ކަމަށެވެ.

8 އަހަރާއި 7 މަހާއި 26 ދުވަހުގެ ހިދުމަތަށް ފަހު ނައުޝާދު ވަކިވެ ދިއުމަކީ އެ ސާވިސްއަށް ލިބުނު ފުން ހިތާމައެއް ކަމަށް ކަރެކްޝަންސްއިން ފާހަގަކުރެއެވެ.