މާދަމާގެ ހުކުރު ނަމާދަށް ފަހު، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔޫސުފް އަލްޤަރްޟާވީގެ މައްޗަށް ކަށުނަމާދު ކުރާނެ ކަމަށް، އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ސޮއިކުރައްވައި ނެރުނު ސާކިއުލާއެއްގައި އިސްލާމިކް މިނިސްޓްރީން ބުނީ، މާދަމާގެ ހުކުރު ނަމާދަށް ފަހު، ހުރިހާ ރަށްރަށުގައި ޑރ. ޤަރްޟާވީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން އޮންނާނެ ކަމަށެވެ.

ޒަމާނީ އިސްލާމީ ފިކުރާއި، ހިޔާލާތާ ގުޅޭ ގޮތުން އެންމެ ފުޅާދާއިރާއެއްގައި ގިނަ ބަޔަކަށް ގަބޫލުކުރޭ ގޮތަށް، ތަފާތު މައުޟޫތަކުގައި ފަތުވާ ދެއްވާ އެއް އިލްމުވެރިޔާ ކަމަށްވާ ޤަރްޟާވީ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

މިސްރަށް އުފަންވެ ވަޑައިގަތް ޤަރްޟާވީ އަވަހާރަވުމާ ހަމައަށް އުޅުއްވަމުން ގެންދެވީ ގަތަރުގައެވެ.

ޤަރްޟާވީ ދުނިޔޭގައި ހުންނެވި އިރު ކުރެއްވި ބައެއް މަސައްކަތްޕުޅުތަކުގެ ތެރޭގައި އަލްޖަޒީރާ ގައި ދީނީ އެކި މައުޟޫތަކަށް ވާހަކަ ދެއްކެވުމާއި "ޝަރީއާ އެންޑް ލައިފް" ގެ ނަމުގައި ފޮނުވަމުން ދިޔަ ޕްރޮގްރާމް ހުށަހެޅުއްވުން ހިމެނެއެވެ. އެ ޕްރޮގްރާމްތަކުގައި ދުނިޔޭގެ އާދަކާދަތަކާއި، އާންމު ދިރިއުޅުމާއި، ސިޔާސީ ކަންކަމާ ބެހޭ ގޮތުން އިލްމީ ފެންވަރެއްގައި މައުލޫމާތު ދެއްވާފައި ވެއެވެ.

ގަރްޟާވީ އަވަހާރަވިއިރު 120 އަށް ވުރެ ގިނަ ފޮތް ލިޔުއްވައި، ތަފާތު އެކިއެކި 60 އެއްހާ ލިޔުއްވުމުގައި މުސްލިމް ދުނިޔޭގެ މައްޗަށް ވާހަކަ ދައްކަވާފައިވެއެވެ.