އަރަބިއްޔާ ސްކޫލް އާ އިމާރާތް އަދި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ ޑިޒައިންގް އެންޑް ބިލްޑްގެ މަސައްކަތް ހަވާލު ކޮށްފޮއެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކެއްވީ މިނިސްޓްރު ޑރ. އާއިޝަތު އަލީއެވެ. އަދި މަސައްކަތް ހަވާލުކުރި އަމީން ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކޮމްޕެނީ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.

އަމީން ކޮންސްޓްރަކްޝަނާ އަރަބިއްޔާ ސްކޫލް އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތަށް ހަވާލުކޮށްފައި ވަނީ 168،525،150.92 ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އުންމީދު ކުރަނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު އެ އިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓާމު ކިޔެވުން ފެށޭއިރު އެ އިމާރާތުގެ ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އަދި އެ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބާ ޖަމާލުއްދީން ސްކޫލް ތަޅާ ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އޮކްޓޯބަރު މަހުގެ 14 އަށް އެ ތަން އެއްކޮށް ސާފުކޮށް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނީ އަރަބިއްޔާގެ ސްކޫލް އިމާރާތް ކުރެވިގެން ދާނީ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއެކު ކަމަށާއި ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތް ކުރެވިގެން ދާނީ 34 ކްލާސްރޫމާއި 2 ލިފްޓް އަދި ފާހާނާތަކާއި އެކު ހެދިގެން ދާނެ ކަމަށެވެ.

މީގެއިތުރުން 2 ސްކޫލްގެ މުވައްޒަފުންގެ ފާކުކުރުމަށް ފާކިން އޭރިއާއެއް ޑިޒައިންގައި ހިމެނޭނެ ކަމަށާއި އެ ސަރައްދުގެ ޓްރެކްފިކް ހައްލުކުރުމަށް މަދޮށިގޯޅިން ޖަމާލުއްދީން ހިނގުމަށް ސްކޫލުގެ ބޭނުމަށް އާ މަގެއްވެސް ޑިޒައިންގައި ހިމެނިފައިވާނެ ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ އެ އިމާރާތް ނިމުމުން އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވޭނެ ކަމަށާއި ޖަމާލުއްދީން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ ސްކޫލްގައި ކިޔަވާދެވޭ ކުދިން އެއް ދަންފަޅިއަށް ކިޔަވައިދޭ ފުރާ ފުރިހަމަ ސްކޫލެއްގެ ގޮތުގައި ބަދަލު ކުރެވޭނެ ކަމަށެވެ.