ވިޔަފާރީގެ މުއާމަލާތް އަމިއްލަ ފޯނުގެ މެސެޖިން އެޕް ތަކެއް ބޭނުން ކޮށްގެން މުވައްޒަފުން ކުރި މައްސަލައެއް ފެންމަތިވެ، ދުނިޔޭގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ބަލާ، ވޯލް ސްޓްރީޓުގެ ބޮޑެތި ކުންފުނިތަކެއް ޖޫރިމަނާ ކޮށްފިއެވެ.
އެމެރިކާގެ މާލީ ބާޒާރުގެ ފާރަވެރި ފަރާތް، ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (ސެކް) އިން ބުނީ، މާލީ ބާޒާރުގެ މުއާމަލާތްތައް ކުރަން އޮންނަ ރަސްމީ ޗެނަލްތަކުން ބޭރުން، އަމިއްލަ ފޯނުން މުއާމަލާތް ކުރުމަކީ، ވިޔަފާރީގެ މުއާމަލާތްތަކަށް އިތުރު ފަރާތެއްގެ ނުފޫޒެއް ފޯރާފާނެ ފަދަ އަމަލެއް ކަމަށާއި، އެއީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ. އަދި މާލީ މުއާމަލާތް ތަކުގެ ރެކޯޑް ބަލަހައްޓާ އެ ރައްކާ ކުރުމަކީ ކުންފުނިތަކަށް ލާޒިމު ކަމެއް ނަމަވެސް، އެތަންތާނގެ މުވައްޒަފުން އަމިއްލަ ފޯނުން ކޮށްފައި ހުރި މުއާމަލާތްތަކުގެ ރެކޯޑް އެ ކުންފުނިތަކުގައި ނެތް ކަމަށެވެ.
މި މައްސަލަ ފެންމަތިވެ ކުރި ތަގުގީގަށް ފަހު ސެކް އިން ބުނީ، އެ ކުންފުނިތަކުގެ މުވައްޒަފުން، ވިޔަފާރީގެ މުއާމަލާތްތައް 3 ވަނަ ފަރާތަކާއެކު އަދި ވިޔަފާރީގެ ރައްޓެހިންނާއި، އަމިއްލަ ރަހުމަތްތެރިންނާ ކޮށްފައި ވާ ކަން ފާހަގަވެފައި ވާ ކަމަށެވެ. އަދި އެ މުއާމަލާތްތައް ކުރުމަށް ޓެކްސްޓް މެސެޖުތަކާއި، ވަޓްސްއެޕް ފަދަ މެސެޖިންގް އެޕްތައް ބޭނުން ކޮށްފައި ހުރި ކަމަށެވެ.
ޖޫރިމަނާ ކުރި ލިސްޓުގައި 16 ކުންފުންޏެއް ހިމެނޭ އިރު، އޭގެ ތެރޭގައި ބާކްލޭސް، ޔޫއެސްބީ، ގޯލްޑްމޭން ސަޗްސް ފަދަ މަލްޓި ބިލިއަން ޑޮލަރުގެ ކުންފުނިތައް ހިމެނެއެވެ. މި ކުންފުނިތައް 1.8 ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި ވާ އިރު، އެމެރިކާގެ ކޮމޯޑިޓީ ފީޗާސް ކޮމިޝަނުން ވަނީ 11 ކުންފުންޏެއް 710 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރޭގައި، ބޭންކް އޮފް އެމެރިކާ، ބާކްލޭސް، ކެންޓޯ ފިޒްގާލްޑް، ކްރެޑިޓް ސޫސީ، ޑަޗް ބޭންކް، ގޯލްޑްމޭން ސަޗްސް، ޖެފެރީސް، މޯގަން ސްޓޭންލީ، ނޮމޫރާ އަދި ޔޫއެސްބީ ހިމެނެއެވެ.
ވޯލް ސްޓްރީޓަކީ، އެމެރިކާގެ މައި ފައިނޭންސަލް މާކެޓްގެ އިތުރުން، ދުނިޔޭގެ މާލީ ބާޒާރުގެ މައި މަރުކަޒު ނުވަތަ ސަރަހައްދުކަމަށް ބަލާ ތަނެވެ. ވޯލް ސްޓްރީޓުގެ ސެކިއުރިޓީސް ނުވަތަ ހިއްސާގެ ބާޒާރަކީ، ބިލިއަން ބިލިއަން ޑޮލަރު ދައުރު ކުރާ ނުވަތަ އިންވެސްޓް ކުރާ ތަނަކަށް ވާއިރު، އެތަނަށް އަންނަ ލޮޅުމުގެ އަސަރު ދުނިޔޭގެ މާލީ ނިޒާމަށް ކުރެއެވެ.
ވޯލް ސްޓްރީޓުގެ ބޮޑެތި ކުންފުނިތަކުން ފެންމަތިވި މި މައްސަލައާ ގުޅިގެން، ގިނަ ބައެއްގެ ވަޒީފާ ގެއްލި ދިޔުމުގެ ބިރު އޮތް އިރު، ވިޔަފާރީގެ މުއާމަލާތްތަކުގައި މުވައްޒަފުންނަށް އަމިއްލަ ފޯނާއި ހުއްދަ ނުދޭ އެޕްތައް ބޭނުން ކުރުން މަނާ ކުރަން އާ ސިޔާސަތުތައް އެކުލަވާލާނެކަމަށް ހަބަރުތައް ބުނެއެވެ.