ގައުމީ ދުވަހު ލޮލުން ފޭދެނީ ފުން އަސަރުގެ ކަރުނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވެފައިވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ޔާމީން ވިދާޅުވީ ބަނަވެ ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާ އެކުވެސް ގައުމީ ދުވަހުގެ ހެޔޮއެދުންތައް ރައްޔިތުންނަށް ފޮނުވާ ކަމަށެވެ.

ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދު ހަނދާން އާ ކުރައްވާ ޔާމީން ވިދާޅުވީ މިއަދު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނަ ކަމަށެވެ.

ބަނަވެނާމާންވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާއެކުވެސް ގައުމީދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންގެ އަރިހަށް ފޮނުވަމެވެ .ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުންއަސަރުގެ ކަރުނައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން އައިސްފައެއް ނުވެއެވެ.

15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަހުރު ދިވެހީންނަށް ހާސިލް ކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްހަތީބު ހުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްތާނުލް ގާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.