ހަމަހަމަކަމާއެކު ރައްޔިތުން އެދޭ ތަރައްގީއަށް ފަށާފައިވާ މަސައްކަތް ހުއްޓާލުމަކީ ސަރުކާރަށް އޮތް އިހުތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައމްަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް މިއަދު ހއ. އުތީމު، ބޮޑުތަކުރުފާނުގެ ހަނދާނި މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ގައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ކުޑައެއް ބޮޑެއްނެތި، ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ، ފަސޭހަ، ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ އިހު އޮތް ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަހަމަކަމާއެކު ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށްދިނުމުގައި ފަށާފައިވާ މަސައްކަތް ހުއްޓާލުމަކީ ސަރުކާރަށް އޮތް އިހުތިޔާރެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހަތާ، ތައުލީމާ، އާމްދަނީއަށް ވާސިލުވެވޭނެ، އަވަސް އަދި ފަސޭހަ މަގުތަށް ކޮށާ އަލިކުރުމަށް ފަށާފައިވާ މިމަސައްކަތް، ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ނޫން. މިކަމުގާ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ލެއްވުން އަޅުގަނޑު ބޭނުން.
ރައީސް އިބްރާހިމް މުހައމްަދު ސޯލިހު

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، މިއަދު ފެންނަ އިޖްތިމާއީ ބޮޑެތި ހުރިހާ މައްސަލަ ތަކެއްގެ ފެށުން ގުޅެނީ ގައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމާ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ބޮޑުތަކުރުފާނު އަމާންކުރެއްވި ކަނޑުތަށް ނާމާން ކުރާ މަސްތުވާތަކެއްޗާ ވަގުވިޔަފާރިއަށް މަގުފަހި ކުރުމަކީ ދިވެހި ގައުމިއްޔަތެއް ނޫން ކަމަށް ރައީސް ވިދާޅުވެއެވެ. އަދި މަސްތުވާތަކެއްޗާއި، ގޭންގްކުށްތަކަކީ ގައުމިއްޔަތާ ދުރުވިވަރަކަށް ގާތްވާކަންކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.