މި އަހަރުގެ ގައުމީ ދުވަހާއި ގުޅިގެން ހއ. އުތީމުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު 6 ޖަހާއިރު އުތީމުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ ދިދަނެގުމުގެ ރަސްމިއްޔާތަށް ގަނޑުވަރު މައިދާނަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން އެ މައިދާނުން އެދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ. އަދި ދިދަ ނެގުމަށްފަހު ދުވަހާ ގުޅޭގޮތުން ހާއްސަ ދުއާއެއްވެސް ވަނީ ކޮށްފައެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ މުޙައްމަދުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.

ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ރޭ އުތީމުގައި ފެށިފައިވާއިރު ރަސްމީ ޖަލްސާ މިހާރު ވަނީ ފަށާފައެވެ.