ދިވެހިން މަސައްކަތްކުރަންވީ ގައުމީ ބަތަލުންގެ މިސާލުން އިބްރަތް ލިބިގެން ކުރިއަށް ދާން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.
ގައުމީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރައްވާ، ރައީސް ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ގައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ގައުމައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ.
ގައުމީ ދުވަސް ގައުމީ ފެންވަރުގައި މިއަހަރު ފާހަގަކުރަނީ ހއ.އުތީމުގައެވެ. ރައީސުލްޖުްހޫރިއްޔާގެ ދެކަނބަލުންވެސް މިވަގުތު ހުންނެވީ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމުގައެވެ.
ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން އައިސްފައެއް ނުވެއެވެ.
15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަހުރު ދިވެހީންނަށް ހާސިލް ކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްހަތީބު ހުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްތާނުލް ގާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.