މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ހިދުމަތްތައް ދިނުމުގެ ވައުދާއިއެކު ކަމަށާއި، އެ ވައުދުތައް ފުއްދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ. ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ނައިވާދޫގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައި އޮތް ސާފު ބޯފެނުގެ ދަތިކަމުގެ މައްސަލައަކީ އެކަމުގެ ހައްލަކަށް ރައްޔިތުން އެދިއެދި ތިބި ކަމަކަށް ވާއިރު، މިއަދު އެ ހިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް އޮތުމަކީ، އެއީ އަސާސީ ހައްގެއް ކަމަށާއި، އެއީ ވައުދެއްގެ ގޮތުގައި ހަމައެކަނި މެނިފެސްޓޯގައި ހިމަނަންޖެހޭ ވަރަށްވުރެ ވެސް މާ މުހިއްމު ކަމެއް ކަމަށެވެ.

މީގެއިތުރުން، ނައިވާދޫގެ ބަނދަރު ކުޑަވެ ޖާގައިގެ ދަތިކަން ދިމާވެފައިވާތީ، ނައިވާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށައި އެ ދަތިކަން ހައްލުކޮށް ދެއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ނައިވާދޫ ފެނުގެ ނިޒާމުގެ މިމަޝްރޫގެ ދަށުން 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި، ދުވާލަކު 40 ޓަނުގެ ފެން އުފައްދާ 2 އާރުއޯ ޕްލާންޓް ބަހައްޓާފައިވެއެވެ. އަދި ފެން ރައްކާކުރުމަށް 185 ޓަނުގެ 2 ތާންގީ އަދި ވާރޭފެން ރައްކާކުރުމަށް 150 ޓަނުގެ ތާންގީއެއް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން 174 ގޭގެއަށް ފެނުގެ ކަނެޝަން ވެސް ވަނީ ގުޅައިދީފައިވެއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްދިނުމަކީ، ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ.