ހުޅުމާލެ ފަޅުތެރޭގައި ލޯންޗަކާއި ޑިންގީ އެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހުޅުމާލެ އަށް ވަންނަ ނެރާ ދިމާލުން ފަޅުތެރޭގައި ލޯންޗަކާއި ޑިންގީ އެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު މިރޭ 7:55 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހި ފިރިހެނަކާއި، ބިދޭސީ ފިރިހެނަކާއި އަންހެނެކެވެ. އޭގެ ތެރެއިން ދެ މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، އަނެއް ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އަނިޔާވި ހަތަރު މީހުންނަކީ ވެސް ޑިންގީގައި ތިބި މީހުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.