އަންނަ މަހުން ފެށިގެން ޗައިނާ އާއި ރާއްޖެ އާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށާނެ ކަމުގެ އިޝާރާތެއް، ޗައިނާގެ ސަފީރު ވާން ލިޝިން ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާގެ ސަފީރު ވިދާޅުވީ، ރާއްޖެ އަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއް ކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން، އެ ގައުމުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު އެއް މަންޒިލަކީ ރާއްޖެ ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ކޮވިޑުގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާތީ، ޗައިނާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.

"ދެ ގައުމުގެ ދެމެދު ކުރެވޭ ސީދާ ދަތުރުތައް އަލުން ފެށުމުގެ މަސައްކަތްތަށް މިހާރު ދަނީ ކުރެވެމުން. އުންމީދު ކުރެވެނީ އަންނަ މަހުން ފެށިގެން ދަތުރުތައް ފެށޭނެ ކަމަށް." ސަފީރު ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން، ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން، މިދިޔަ ދެ އަހަރު އެ ގައުމުން ރާއްޖެ އަށް ފަތުރުވެރިން އައުން އޮތީ މެދުކެނޑިފައެވެ.

މީގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާ އިން ކަމަށް ވިޔަސް، މިހާރު ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާ، އިނގިރޭސިވިލާތް، އަދި އިންޑިއާއިންނެވެ.