ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިސަރުކާރުން، ބޮޑު ތިލަދުންމަތީގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަކުުރައްވާ މިއުވާން ވިދާޅުވީ، އާރްޓީއެލްގެ ފެރީނިޒާމާއި އެކު ބޮޑުތިލަދުންމަތި ދަތުރުފަތުރުން ގުޅާލެވިފައި ވާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއުތަކާއި ތިލަދުންމަތީގެ ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތަކާއި އެނޫންވެސް އުމްރާނީ ތަރައްގީގެ އެތައް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށެވެ.

މީގެއިތުރުން ތިލަދުންމަތީގެ ތަރައްގީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަމުގައިވާ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ކޮންމެ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ގާއިމްކޮށް، އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމްކޮށް، ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެެއްސެވުމަށް ކަމަށެވެ. އަދި މިމަސައްކަތުގައި ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމުގައި ވެސް މިއުވާން ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިއުވާން ވަނީ، ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައުލޫމާތާއި، ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ދެބިލެއްގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން މިފެށޭ ހަފްތާގައި ތިލަދުންމަތީގެ ބައެއްރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާނެކަން ހާމަކުރައްވާ މިއުވާން ވިދާޅުވީ، ރައީސްގެ މިދަތުރުފުޅުގައި، ބޮޑު ތިލަދުންމަތީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވާނެ ކަމަށެވެ.