އާރްޓީއެލްގެ ދަށުން އެމްޓީސީސީއިން މިހާތަނަށް 308 ވަޒީފާ އުފައްދާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ދެމުން އަންނަ އާރްޓީއެލް ފެރީ އަދި ބަހުގެ ހިދުމަތުގެ ދަށުން މިހާތަނަށް 308 ވަޒީފާ އުފައްދާފައި ވާއިރު އޭގެ ތެރޭގައި އާރްޓީއެލް ހދ، ހއ އަދި ށ ފެރީގެ މަސައްކަތަށް އިތުރު ކުރި 85 މުވައްޒަފަކު ހިމެނެއެވެ.

އާރްޓީއެލް މިނީ ބަހުގެ ހިދުމަތް އައްޑޫ، ލާމު އަދި ފުވައްމުލަކުގައި ފެށުމާއެކު އިތުރު 19 ވަޒީފާ އަދި މާލޭ އާއި ހުޅުމާލެ ފޭސް 1 އަދި 2 ގައި އާރްޓީއެލް ބަހުގައި މަސައްކަތް ކުރާ 155 މުވައްޒަފެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން އެޑްމިން ވަޒީފާގެ ގޮތުގައި 49 މަސައްކަތް ކުރަމުން ދާ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އާރްޓީއެލް ހިދުމަތް ފެށިފަހުން އުފެދުނު ވަޒީފާއާއި ވަޒީފާ އުފެދުނު ދާއިރާތައް / ދަ ޕްރެސް އިލަސްޓްރޭޝަން

އާރްޓީއެލްއަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މާލޭގައި ފަށާފައިވާ އާރްޓީއެލް މިނީ ބަހުގެ ހިދުމަތަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އެމްޓީސީސީން އާންމުކުރި ތަފާސްހިސާބު ތަކަށް ބަލާއިރު، މިމަހު 5 ވަނަ ދުވަހުން މިމަހު 11 ވަނަ ދުވަހުގެ ނިޔަލަށް މިނީ ބަހުން 48،370 މީހަކު ވަނީ ދަތުރުކޮށްފައެވެ. މިދުވަސްތަކުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ދަތުރުކޮށްފައި ވަނީ މިމަހު 10 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 9329 މީހަކު ވަނީ ދަތުރުކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އޯކިޑް ރޫޓުން 18،463 މީހުން ދަތުރުކޮށްފައި ވާއިރު އަމީނީ ރޫޓުން 18،261 މީހުން އަދި ސޯސަން ރޫޓުން 8933 މީހުން ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނީ ބަހުގެ ހިދުމަތް ބޭނުންކުރާ ބައެއް ފަރާތްތަކުން ބުނީ، މާލެއިން ހުޅުމާލެ އަށް 10 ރުފިޔާއިން ދެވޭއިރު މާލެ ތެރޭގައި ދަތުރުކުރުމަށް 7 ރުފިޔާ ބޮޑު ތަންކޮޅެއް ބޮޑު ކަމަށެވެ. އަދި މާލޭގެ މަގުތައް ތޮއްޖެހުމުގެ ސަބަބުން ދަތުރުތައް ލަސް ވާ ކަމަށް ވެސް މި ހިދުމަތް ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. އެހެން ބައެއް މީހުން ބުނީ، ބަސް ލަސްވަނީ ޓެކްސީ ތަކާއި ޕިކަޕްތަކުން ޖެއްސުން ކުރާތީ ކަމަށާއި، 7 ރުފިޔާ އަކީ ރީޒަނަބަލް ހެޔޮ އަގެއް ކަމަށެވެ. އަދި ބަހުން ފީ ނެގި ނަމަވެސް އެއީ "ސަަޅި" ހިދުމަތެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

އާރްޓީއެލް ފެރީ ހިދުމަތުގައި އުފެދުނު ވަޒީފާ / ދަ ޕްރެސް އިލަސްޓްރޭޝަން

"އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ 1 ވަނަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅު މިހާރު ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ހިދުމަތުން ގުޅާލާފައެވެ. އެ މަޝްރޫއުގެ 2 އަދި 3 ވަނަ ފިޔަވަހީގައި ހިމެނޭ 17 އަތޮޅަށް ހިދުމަތް ދޭން ފެށުމާ އެކު މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައިން ގުޅޭނެއެވެ.

އެމްޓީސީސީއިން ބުނީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ ރައްޔިތުންގެ އިތުބާރުއޮތް ކަނޑާއި އެއްގަމު ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ 3 އަތޮޅު ކަމަށްވާ ހދ. ހއ. އަދި ށ. އަތޮޅުގެ ރައްޔިތުންނަށް ބޮޑުތަނުން ހެޔޮ އަގުގައި އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ލިބެއެވެ.