ލ. ގަމުގައި ކުޑަކުއްޖެއް ގެއްލުނު ވާހަކަ އެ ރަށު ކައުންސިލުން ދޮގުކޮށްފިއެވެ.

އެ ރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "ދަ ޕްރެސް" އާ ވާހަކަދައްކަމުން ވިދާޅުވީ ކުޑަކުއްޖާ ގެއްލުނީ ނޫން ކަމަށާއި ކުއްޖާ ހުރީ މަންމަ ކައިރި ކަމަށެވެ. އެ ކުއްޖާ މަންމަ ކައިރިއަށް ގެންދިޔައީ ކޯޓު އަމުރެއް ދަށުން ބައްޕަ ކައިރި ހުއްޓާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ މިހާރު ކުއްޖާއަށް ނުގުޅޭކަމުގެ ޝަކުވާ ބައްޕަކުރަމުން އަންނަ ކަމަށެވެ.

އެ ރަށުން "ދަ ޕްރެސް" އާ ވާހަކަދެއްކި މީހަކު ބުނީ އެ ފަދަ ގޮތަކަށް ވާހަކަތައް ދައުރުވަނީ ކުއްޖާގެ މަންމަ އާ ކުއްޖާ ހަވާލުކުރުމުން ބައްޕަ ރުޅިއައިސްގެން ކަމަށެވެ. އަދި އެ ކުއްޖާގެ ބައްޕަ ދެކޭ ގޮތުގައި މަންމަ ކައިރި އެ ކުއްޖާ ހުރުމަކީ ރަހީނުކުުރުން ކަމަށްވެސް އެ މީހާ ވަނީ ބުނެފައެވެ.

9 އަހަރުގެ ކުއްޖަކު ގެއްލުގެން ލ. ގަމުން ހޯދާ ކަމަށާއި އެ ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި ކުއްޖާ ހުރީ ރަހީނުކޮށްފައި ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތައް ދައުރުވަމުންނެވެ.