ބައިނަލްއަގުވާމީ އަލްޒައިމާސް ދުވަަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯ، ދަނބު ކުލައިން ދިއްލާލައިފިއެވެ.

ސްޓެލްކޯގެ މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ އަލްޒައިމާގެ ރަމްޒެއްގެ ގޮތުގައި ބޭނުންކުރާ ދަނބުކުލައިން ދިއްލާލި އިރު ރާއްޖެ އަކީ މިފަދަ ބަލިތައް ތަަހައްމަަލް ކުރަމުންދާ ފަރާތްތަކަށް އަޅާލައި މިފަދަ ބަލިތަކާ މެދު ހޭލުންތެރި މުޖުތަމައުއަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަލްޒައިމާ ނުވަތަ ހަނދާންނެތުމުގެ ބައްޔަކީ އުމުރުން ދުވަސްވާ ބައެއް މީހުން ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. އުމުރުން ދުވަސްވެފައިވާ ކޮންމެ މީހަކަށް އަލްޒައިމާއެއް ނުޖެހެއެވެ. ނަމަވެސް އުމުރުން ދުވަސް ވުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ.

އަލްޒައިމާ ބަލީގެ އަލާމާތްތަކަކީ މަޑުމަޑުން އިތުރުވަމުން ދާނެ އަލާމާތްތަކެވެ. އެގޮތުން އަލްޒައިމާ ބައްޔާ ގުޅިގެން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި މާ އަވަހަށް ހަނދާން ނެތުން، ވާހަކަ ދައްކަން އުނދަގޫވުން، ކުއްލިއަކަށް މިޒާޖަށް ބަދަލު އައުން، ވަށައިގެން ހިނގާ ކަންކަމަށް ސަމާލުކަން ކުޑަވުން، އެއްޗެހި ބެހެއްޓޭތަންތަން ހަނދާންނެތުން، އާދައިގެ ހިސާބު ނަަަންބަރު ގުނަކޮށް އެއްކުރަން ނޭނގުން، އެއް ސުވާލެއް ތަކުރާރުކޮށް އަހަމުން ގެންދިޔުމުގެ އިތުރުން، ގަޔަށް ކުޑަކަމުދިއުން އަދި ބޮޑުކަމުދިޔުން ފަދަ ކަންކަން ހިމެނެއެވެ.

އާއިލާގެ ތެރޭގައި އަލްޒައިމާ ހުންނަ މީހެއް އުޅޭނަމަ މި ބަލި ވާރުތަކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެންކަމުން މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.