ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހުކޮށްފިއެވެ.
މި އިސްލާހު ފާސްކުރުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން 52 މެންބަރުންގެ ތެެރެއިން 50 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މި ގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، އެ ގާނޫނުގެ 11 ވަނަ އިސްލާހުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން ޖަނަވަރީ 1، 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.
މި ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމަށް އިސްލާހުގައި ވެއެވެ.
ގްރީން ޓެކްސް، މި ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
އެ ބިލް ރައީސް މިއަދު ތަސްދީގުކުރެއްވުމާ އެކު މިހާރުން ފެށިގެން ގްރީން ޓެކްސް ނެގޭނެއެވެ.
ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގައެވެ.
މިހާރު ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ޖީއެސްޓީގެ ގޮތުގައި 8 ޕަސެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓް ނަގަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.