އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ދިވެހި ލޯބިވެރިޔާ އަދި އައިޖީއެމްއެޗްގެ ނަރުސް ހަލީމަތު ލަމްހާގެ ދިފާއީ ހެކިންގެ ތެރެއިން ދެ ހެއްކެއް ބަލައި ނުގަންނަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތްކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

މިއަދު ކޯޓުގައި ކުރިއަށް ގެންފިސްފައި ވަނީ މި މައްސަލައިގައި ކޯޓަށް ކުރިން ހުށަހަޅައިފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމުގެ މރުހަލާއެވެ. އެ ގޮތުން ލަމްހާގެ ފަރާތުން ދިފާއުގައި ހުށަހެޅި 12 ހެކިން ބަލައި ނުގަތުމަށް ހުށަހަލާފައި ވާ ހުށަހހެޅުމާ މެދު ވަނީ ގޮތެއް ނިންމާފައެވެ. ދިފާއީ ހެކިންގެ ތެރޭގައި ލަމްހާގެ އާއިލާ ބަޔަކާއި، ތަހުގީގުކުރި ފުލުސް މީހާ އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމާއި ޑޮކްޓަރު ޔޫސުފް ޝާނާއި ނޫސްވެރިޔާ އަހުމަދު ސާއިލްގެ އިތުރުން އިތުރު ޑޮކްޓަރުންތަކެއް ހިމެނެއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ އޭގެ ތެރެއިން ޑޮކްޓަރު ޔޫސުފް ޝާނާއި ސާއިލްގެ ނަން ބަލައިނުގަތުމަށެވެ. ގާޒީ ވިދާޅުވީ ޔޫސުފް ޝާން ހުށަހެޅީ މޭރީ ބެއްލެވި ޑޮކްޓަރު ކަމަށްވާތީ ކަމަށް ބުނެ ކަމަށާއި، އޭނާއަކީ މޭރީގެ ހަށިގަނޑު ބެލި ޑޮކްޓަރަށް ނުވުމާއި އޭނާ ސޮއިކުރި ލިޔުންތަކުން އެކަންކަން ސާފުވާން އެބައޮތް ކަމަށެވެ. ނޫސްވެރިޔާ ސާއިލްގެ ނަން ހުށަހެޅީ ސަން އޮންލައިނަށް ލަމްހާ ދިން އިންޓަވިއުގެ ރެކޯޑްތައް ފުލުހުން ހޯދިގޮތާ ބެހޭގޮތުން ސުވާލު ކުރަން ކަމަށް ބުނެ ކަމަށް ވިޔަސް، އެ އިންޓަވިއުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމެއް ނެތި އެ އިންޓަވިއުގެ ރެކޯޑިން ހޯދި ގޮތާ މެދު ސުވާލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން މޭރީއަށް އައިޖީއެމްއެޗުން ދީފައިވާ ފަރުވާގެ ތަފްސީލީ ލިޔުންތައް ހާމަކުރަން ލަމްހާގެ ފަރާތުން އެދިފައިވާ އެދުމާ މެދުވެސް ވަނީ ގޮތް ނިންމާފައެވެ. މިކަމަށް ގޮތް ނިންމަވަމަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މޭރީއަށް ދިން ފަރުވާގެ ތަފްސީލުތައް އެނގޭނެ މެޑިކަލް ޗާޓްތަކާއި ލިޔުންތައް ހުރި ނަމަ، އެ ލިޔުންތައް ހަތް ދުވަސް ތެރޭގައި ކޯޓާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ލިޔުމެއް ނެތް ނަމަ، އެކަން ވެސް ހަތް ދުވަސް ތެރޭގައި ކޯޓަށް އަންގަން ގާޒީ އެންގެވިއެވެ. މޭރީއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ނަރުހުންގެ މައުލޫމާތު ހޯދަން ވެސް ލަމްހާގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު ގާޒީ ވިދާޅުވީ ނަރުހުންގެ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށެވެ.

ލަމްހާގެ ފަރާތުން ދެން ހުށަހެޅީ އިންޑިއާ ސަރުކާރާއި ރާއްޖެއާ ދެމެދު ގާނޫނީ ކަންކަމުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކާއި އެ މައްސަލާގައި ވީޑިއޯ ފުޓޭޖް ނަގަން ދިން ކޯޓު އަމުރުތަކާއި އޭނާ ގެއިން ފެނުނު ކަމަށް ބުނާ މަނާ ބޭސްތައް ރާއްޖެއަށް އެތެރެކުރި ގޮތާ ބެހޭ ކަސްޓަމްސްގެ ލިޔުންތައް ހޯދުމަށެވެ.

ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ރާއްޖެ އެތެރެކުރި ގޮތުގެ ލިޔުންތަކާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ ބޭސްތަކަކީ ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ އެއްޗަކަށް ނުވާތީ އެކަން ނަފީ ކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ބޭސްތަކަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް، އައިޖީއެމްއެޗަށް ދީފައިވާ އެއްޗެއްކަން ލިޔުންތަކުން އެނގެން އޮންނާތީ އެ ލިޔުންތައް ދޭން އަމުރު ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ވީޑިއޯ ފުޓޭޖް ހޯދަން ކޯޓު އަމުރެއް ހޯދާފައިނުވާ ކަމަށް ދައުލަތުން ކުރިން އެއްބަސްވި އެވެ. އެހެންވެ، އެ ހުށަހެޅުން ވަނީ އަނބުރާ ގެންގޮސްފައެވެ.

މޭރީގެ މަރުގެ މައްސަލައިގާ އޭނާގެ ފިރިމީހާ، މާވިން އެސްވައި ވާގަސް އާއި ލަމްހާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު މާވިންއާ ދެކޮޅަށް ދައުލަތުން މިދިޔަ ހޯމަ ދުވަހު ވަނީ 110 ހެކި ހުށައަޅާފައެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރި މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.