ރަށްރަށަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާނަމޭ ވިދާޅުވާ ކޮންމެ ކަމަކީ ރިޔާސީ ވައުދެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް ދިފާއު ކުރައްވައިފިއެވެ.

ނަޝީދު، ރައީސްގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައި ވަނީ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ ކުރެއްވި ސުވާލުގައި ދެއްކެވި ވާހަކަ އާއި ގުޅިގެންނެވެ. އާމިރު ވިދާޅުވި ގޮތުގައި، ރައީސް އެ ދާއިރާ އަށް ވެވަޑައިގެންފައިވާ ވައުދުތަކެއް އަދި ނުފުއްދަވައެވެ.

އާމިރުގެ ވާހަކަ އާ ގުޅުވައި ނަޝީދު ވިދާޅުވީ، ރިޔާސީ ވައުދެއްގެ ގޮތުގައި ބެލޭނީ މެނިފެސްޓޯގައި ލިޔެފައި އޮތް ކަމަށް ވާ ނަމަ ކަމަށާއި، ނަމަވެސް ރަށަކަށް ވަޑައިގެން މިވެނި އެވެނި ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށެވެ

"އިއްޒަތްތެރި މެންބަރުން ވިދާޅުވޭ އެވެނި ރަށަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވި ކަމަށް، އެއީ ވައުދެއް ކަމަށް. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަން މި ޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު." ނަޝީދު ވިދާޅުވިއެވެ.

"މީގެ ކުރީގައި ބައެއްފަހަރު އަޅުގަނޑަށް އެނގޭ ޕާޓީތަކުން ވިދާޅުވެފައި އެބަ ހުރިކަން، އެއީ ބެނާތައް ތައްގަނޑު ޖެހި ކުދިން ޖެހި އެއްޗެއް ކަމަށް ވެސް."
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މީގެ ކުރީ ޖަލްސާތަކުގައި ވެސް މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރާތަކަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދަވާ ކަމުގެ ޝަކުވާ ކުރައްވައިފައެވެ.