މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައި ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އޭނާގެ ބޭންކް ސްޓޭޓްމަންޓް ޝަރީއަތަށް ބަލައިގަނެވޭނެ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
އެހެންނަމަވެސް އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައި ކޯޓުން ނިންމީ ހެކި ހޯދަން ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓް ހޯދީ ގާނޫނާ ހިލާފަށް ކަމަށް އެނގެން ނެތް ކަމަށެވެ. އަދި ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފްކުރަން ޕެސްޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ވިދާޅުވީ އިފްހާމް އެދޭ ގޮތަށް ކޯޓު އަމުރެއް ހޯދައިގެން ބޭންކު އެކައުންޓުގެ މުއާމަލާތްތަކުގެ މައުލޫމާތު ހޯދާނަމަ އެފަދަ އަމުރަކަށް އެދެވޭނީ ތިން ހާލަތެއްގައިވާ މީހުންގެ މައްސަލަތަކުގައި ކަމަށާއި ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަވާނީ އެ ތިން ހާލަތްތަށް ނުފެތޭ މައްސަލަތައް ކަމަށެވެ. އަދި ހައި ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ.
ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވީ ހެކީގެ ގޮތުގައި އިފްހާމްގެ ބޭންކް ސްޓޭޓްމަންޓް ގަބޫލުކުރުމަށް ހައި ކޯޓުން ނިންމީ ރަނގަށް ކަމަށާއި އެހެންނަމަވެސް ހައި ކޯޓުގެ ހުކުމްގައި އެ ހެއްކަކީ ގާނޫނާ އެއް ގޮތަށް ހޯދާފައިވާ ހެއްކެއް ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ ރައުޔަށް ފނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދު ކުރެއްވިއެވެ.
ފަނޑިޔާރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުން މިއަދު ހުކުމުގައި ބުނީ ޕެސްޓުގެ ބޭންކް ސްޓޭޓްމަންޓަކީ ގާނޫނާ އެއް ގޮތަށް ހޯދާފައިވާ ހެކި ކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލު ކަމަށާއި ޕެސްޓުގެ އެކައުންޓް ސްޓޭޓްމަންޓަކީ ޝަރީއަތަށް ގަބޫލުކުރެވޭނެ ހެއްކެތް ކަމަށެވެ.