ހުޅުލޭގެ އިރުއުތުރު ފަރާތު ތޮށިގަނޑާއި، ވޯޓާ އޭރޮޑްރޯމް ސަރަހައްދު މޫދުގައި އަޅާފައިވާ އުޅަނދު ފަހަރު މި މަހުގެ 30 ގެ ކުރިން ނެގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންގައިފިއެވެ.

އެމްއޭސީއެލުން ބުނީ، އެ ސަރަހައްދުގެ ތޮށިގަނޑާއި ތޮށިގަނޑުގެ ރިވެޓަށް ވާ އައްސައިގެން އަޅާފައިވާ އުޅަނދުތައް ނަގަން ވާނެ ކަމަށެވެ. އަދި އެ ގޮތަށް އެ ސަރަހައްދުގައި ކަނޑުއުޅަނދު އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

އެހެންކަމުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ފަދައިން އަޅާފައި ބާއްވާ އުޅަނދު ފަހަރު ތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފިޔަވަޅު އަޅައި އެ އުޅަނދުތައް އެ ސަރަހައްދުން ނަގަމުން ދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ހުޅުލޭ ފަޅުން ހުސްކުރަން އެންގި ތަނަކީ އެއާޕޯޓުގެ ހައި ސެކިއުރިޓީ ބައިގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.