މާފަންނު ފުލުހުންގެ އިދާރާ އަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހާ އިއްޔެ ދޫކޮށްލައިފިއެވެ.

މީގެ ދެ ދުވަހެއް ކުރިން ފުލުހުންގެ އިދާރާ އަށް ވަދެ، އެ މީހާ މަރުގެ އިންޒާރު ދީފައި ވަނީ އެ ތަނާ ކައިރީގައި އޮންނަ އީގަލްސް ދަނޑު ކައިރީގައި ވައްކަމުގެ ތުހުމަތުވާ މީހަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަނިކޮށެވެ.

އެހެންވެ، އެ ސަރަހައްދުން އެ މީހާ ހުއްޓުވައި، ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކުރީ ރަނގަޅަށް ނޫން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ކްރިމިނަލް ކޯޓުން ފާހަގަ ކުރި ނުކުތާތަކަށް ބަލާއިރު:

  • އެ މީހާ ހައްޔަރުކުރީ ކުށުގެ ވެށްޓަކުން ނޫން
  • އެ މީހާ ހައްޔަރުކުރި އިރު ކޯޓު އަމުރެއް ނެތް

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން، ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނީ ކުށުގެ ވެށިންނެވެ. އެހެންވެ، އެ ނުކުތާ އަށް ބެލުމަށް ފަހު، ކޯޓުން ނިންމީ އެ މީހާ ދޫކޮށްލާށެވެ.

އެ ހާދިސާ އަށް ފަހު، ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ހަރަކާތްތެރިވާ ގްރޫޕްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި މަހުގެ ނުވަވަނަ ދުވަހު ވެސް ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން އެކަކު އެއް މަސްދުވަހަށް ބަންދު ކުރި އިރު، ބާކީ ތިބި މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.