ރާއްޖޭގެ އެކި ފެންވަރުގެ މަގާމުތަކަށް ބޭނުންވާ މީހުން މިއަދާ ހަމައަށް ވެސް އެންމެ އެކަށޭނަ ގޮތުގައި ތަމްރީނު ކުރެވިފައެއް ނެތް ކަމަށް، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަތީ ތައުލީމާ ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކޮލެޖު ޔުނިވާސިޓީތަކުން ދޭ ސަނަދުތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، އަދި ރާއްޖޭގައި ވަޒީފާ ދޭ ފަރާތްތަކުގެ މެދުގައި މަގުބޫލު ސަނަދުތަކަކަށް ހަދަން ޖެހޭ ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް ކޮލެޖުތައް ޔުނިވާސިޓީ އަށް ބަދަލުވެގެން އައިސްފައިވާއިރު، އެ ސަނަދުތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ސަނަދުތަކަށް ވެފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހާރު އޮތް ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން، ކޮލެޖު ޔުނިވާސިޓީތަކުގެ ކްރައިޓީރިއާ ދަށްވެ، ސަނަދުގެ ފެންވަރު ދަށް ވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، ބޭނުން ވަނީ ރާއްޖޭގައި ތައުލީމް ދޭ ހުރިހާ މަރުކަޒުތަކެއް ކޮލެޖު ޔުނިވާސިޓީ އަށް ބަދަލުކުރާކަށް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭގެ ބަދަލުގައި ބޭނުންވަނީ ކޮލެޖު ޔުނިވާސިޓީތަކަކީ ރަނގަޅު ފެންވަރުގެ ތައުލީމާއި ތަމްރީނު ދެވޭ ތަންތަނަށް ހަދައި، ބައިނަލްއަގުވާމީ ފެންވަރު ގަބޫލުކުރެވޭ ފަދަ ތަންތަނަށް ހެދުމަށެވެ.
ހަމަ އެއާއެކު، ރާއްޖެ އަށް އަދިވެސް ބޭނުންވާ މުހިންމު މަގާމުތަކަށާއި ވަޒީފާތަކަށް ބޭނުންވާ މިންވަރަށް ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ ކަންކަން އިންތިޒާމުކުރެވިފައި ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މެނޭޖަރުންނާއި، އެގްޒެކެޓިވް ލެވަލްގައި މަސައްކަތްކުރާ މީހުން ފަދަ މަގާމުތަކަށް އެކަށީގެންވާ މިންވަރަށް މީހުން ތަމްރީނު ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ހުށަހެޅުނު ބިލަކީ ފަހަތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރައްވައެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ހިންގާ ކޮލެޖަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދެވޭނީ އެ ތަނެއް ހިންގާތާ 20 އަހަރު ވުމުންނެވެ. ނަމަވެސް މި އިސްލާހުގައި ހުށަހަޅާފައި ވަނީ އެ މުއްދަތު 15 އަހަރަށް ނުވަތަ 10 އަހަރަށް ދަށްކުރުމަށެވެ.