ގ. ޒަމާނީ މަންޒިލް ގޭގައި ރޯވި އަލިފާނުގެ ސަބަބުން ގެއްލުންވި ފަންގިފިލާތަކުގައި ތިބި މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފިއެވެ.

ކޭބަލްތަކެއްގައި ރޯވުމުގެ ސަބަބުން ޒަމާނީ މަންޒިލް ގޭގައި އިއްޔެ މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި، އެ ގޭގެ ތިންވަނަ ފަންގިފިލާ އާއި ހަތަރުވަނަ ފަންގިފިލާ އަށް އެކިވަރުގެ ގެއްލުން ވެފައި ވެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުވެއެވެ.

އެންޑީއެމްއޭ އިން ރޭ ބުނީ، ޒަމާނީ މަންޒިލް ގޭގައި އަލިފާން ރޯވެ، އެ ގޭގެ ތިންވަނަ ފަންގިފިލާ އާއި ހަތަރުވަނަ ފަންގިފިލާ އަށް ލިބުނު ގެއްލުންތައް ބަލައި، އެ ތަންތަން މަރާމާތު ކުރުމަށް، އެ ދެ ފަންގިފިލާގައި ދިރިއުޅުނު މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އިއްޔެ ބުނި ގޮތުގައި، އެ ހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާ އިން ތިންވަނަ ފަންގިފިލާ އަށް ގުޅާފައި ހުރި ކަރަންޓު ކޭބަލްތަކަކާއި، އިލެކްޓްރިކް ބޯޑުގައި ރޯވެގެންނެވެ.