އެމްޓީސީސީގެ 'ބޮޑު ޖައްރާފު'އާ އެކު ގއ. ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެމްޓީސީސީގެ 'ބޮޑު ޖައްރާފު' އިފްތިތާހުކޮށްފައިވަނީ ރޭގައި ދާންދޫގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެމްޓީސީސީން ބުނީ، ދާންދޫގެ ބިން ހިއްކުމަށްޓަކައި ބޭނުންކުރާނީ ބޮޑު ޖައްރާފު ކަމަށެވެ. މިއީ މި ޖައްރާފު ބޭނުންކޮށްގެން ހިންގާ ތަރައްގީގެ އެންމެ ފުރަތަމަ މަޝްރޫއު ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ބޮޑު ޖައްރާފު ބޭނުންކޮށްގެން ހިންގާ ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 975،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 807 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން އަދި 555 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ، ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމޭއިރު، މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި

މިހާރުގެ ދާންދުއާ، އަލަށް މި ހިއްކާ ބިން، ބްރިޖަކުން ގުޅާލެވިގެން ދާއިރު، މި އާ ބިން، ވެގެންދާނީ، ޒަމާނީ ދާންދޫގެ އާ ހަޔާތެއްގެ ފެށުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމިގެންދާއިރު، ރައްޔިތުން މޫދަށް އެރި، ހިތް އުފާކޮށްލާނެ އަތިރިމަތިތައް ލެވިގެންދާނެ ކަމަށެވެ.