މި މަހު މާލޭ ސަރަހައްދުގައި ފެށި މިނީ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކުން ފީ ނަގާނީ އަދި ދެ ހަފްތާ ފަހުން ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ އާރްޓީއެލް މާލޭ ބަހުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބައްލަވާލެވެން ހުންނާނެ ކަމަށެވެ.
ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން އެ ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ އިތުރު ފުރުސަތު ދިނުމާއިއެކު ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީއިން ބުނެއެވެ.
މީގެ އިތުރުން އެ ހިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަންގަން ބޭނުންކުރާ އާރްޓީއެލް ޓްރެވަލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުމަކީ ވެސް އޭގެ މަގުސަދެއް ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެމްޓީސީސީއިން ބުނީ މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ގަނެވޭނެ ކަމަށެވެ. އަދި އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯ އަދި ގޫގްލް ޕްލޭ ސްޓޯއިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ކުރިއަށް އޮތް ދެ ހަފްތާގެ މުއްދަތައްފަހު ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނަސް އެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.