ޕާކިސްތާނަށް ކުރި ދިގުލީ މޫސުމީ ވިއްސާރައިގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރެއިން 3.4 މިލިއަން ކުދިންގެ ފުރާނައަށް ނުރައްކާ ވެފައި ވާ ކަމަށާއި، އެކުދިންގެ ފުރާނަ ސަލާމަތް ކުރަން ވަގުތުން އެހީބޭނުންވާ ކަމަށް ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން ބުނީ، ޕާކިސްތާނަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 33 މިލިއަން ފަހަނައަޅާ ގޮސްފައި ވާ އިރު، އޭގެ ތެރެއިން 16 މިލިއަނަކީ ކުޑަކުދިން ކަމަށެވެ. އަދި މިވަގުތުން ވަގުތަށް އިންސާނީ އެހީ ބޭނުންވާ 3.4 މިލިއަން ކުދިން ތިބިކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ވާރޭ ވެހި ފެން ބޮޑުވެ ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި ފެނު އަޑިއަށް ދިޔަ އިރު (ފެންބޮޑުވި އިރު)، މިހާތަނަށް 1542 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދު ވަނީ 552 އަށް އަރާފައެވެ.

ފެންބޮޑުވުމުގެ ހާދިސާގައި އެންމެ ބޮޑަށް އަސަރު ކުރި ސިންދް ޕްރޮވިސްގެ ފެންގަނޑު އަދިވެސް ހިނދިފައި ނުވުމުގެ އިތުރުން ރެސްކިއު އޮފިޝަލުންގެ މަސައްކަތުންވެސް ފެންގަނޑު ހިންދާ ލެވިފައި ނުވުމުން، އީޑީސް މަދިރި އާލާވެ، ޑޭންގީގެ ބޮޑު ރާޅެއް މިހާރު ވަނީ އަރާފައެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުދިންނާއި ބޮޑެތި މީހުން ހުން ޖެހި ސިއްހީ ފަރުވާ ހޯދާކަމަށް ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވެއެވެ.

ސިންދް ޕްރޮވިންސަށް ޒިޔާރަތް ކުރެއްވި ޔުނިސެފްގެ ޕާކިސްތާން މަންދޫބު އަބްދުﷲ ފާދިލް ވިދާޅުވީ، އެ ޕްރޮވިންސްގައި ޑެންގީގެ އިތުރުން، މެލޭރިއާ އާއި ޑައިރިއާ އާއި ހަމުގެ ބަލިތަކެއް ފެތުރެމުން ދާ އިރު ކުޑަކުދިން ތިބީ ރައްކާތެރި ކާނާއާއި ހެދިބޮޑުވުމަށް ބޭނުންވާ އަސާސީ ކާނާއިން މަހުރޫމްވެފައި ކަމަށެވެ.

"ޕާކިސްތާނުގެ އަންހެން ފިރިހެން ތުއްތު ކުދިން ގުރުބާން ވަމުން އެދަނީ އެމީހުން ކުރި ކަމެއްގެ ސަބަބަކުން ނޫން، އެއީ ގުދުރަތީ ކާރިސާއެއް"
ފާދިލް

އޭނާ އިތުރަށް ވިދާޅުވީ، ތުއްތު ކުދިންނާއި މައިން މިވަގުތު ތިބީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތި ހާމަކޮށް މަގުމަތި ވެފައި ކަމަށެވެ. ސާފު ބޯފެނާއި ކާނާއިން މަހުރޫމް ވެފައި ކަމަށެވެ.

ޕާކިސްތާނަށް ކުރި ދިގުލީ ވިއްސާރަައިގައި ބޮޑުވި ފެންގަނޑު ހިންދާލަން 6 މަސް ވަރު ނަގާނެ ކަމަށް އޮފިޝަލުން ލަފާ ކޮށްފައި ވާއިރު، އެތައް ހާސް ގެއަކާއި، ރެލްވޭ ތަކާއި، ބްރިގްތަކާއި މަގުތަކާއި އެއްގަމު އުނދަދު ފަހަރުގެ އިތުރުން، ނައަމްސޫއްޕާއި ދަނޑުބިންތައް ވެސް ވަނީ ހަލާކުވެ ސުންނާފަތި ވެފައެވެ.

މިއަރުގެ ޑެންޑީ ޖެހިގެން 584،246 މީހަކު ރިޕޯޓު ކޮށްފައި ވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 50 ޕަސެންޓްގެ އިތުރުވުމެކެވެ.