ރާއްޖޭގައިވެސް ހުންނަ މަޝްހޫރު ހޮޓެލް ޗެއިން ގްރޫޕް، ހޮލިޑޭ އިން ޗެއިންގައި ހިމެނޭ ހޮޓާ ތަކުގެ ޑޭޓާބޭސް ހެކްކޮށް މައުލޫމާތުތަކެއް ޑިލީޓް ކޮށްލައިފިއެވެ.

ވެއިޓްނާމަށް ނިސްބަތްވާ ދެމަފިރިއަކު މިކަން ކުރީ މަޖަލަކަށް ކަން ހާމަ ކޮށް ބީބީސީގައި ބުނީ، އެންމެ ފުރަތަމަ އެމީހުން މަސައްކަތް ކުރީ، ރެންސަމްވެއާ އެޓޭކެއް ދީގެން އެކަން ކުރަން ކަމަށާއި ގިނަ އަދަދެއްގެ ޑޭޓާ ނުވަތަ މައުލޫމާތު ޑިލީޓް ކޮށްލެވުނު ނަމަވެސް އެގޮތަށް މުޅި ޑޭޓާބޭސް ފުހެނުލެވުނު ކަމަށެވެ.

އެހެން ކަމުން ދެން ކުރި ކަމަކީ ހެކް ކުރުން ކަމަށާއި ހޮލީޑޭ އިން ޗެއިންގައި ބޭނުންކޮށްފައި ވަނީ ވަރަށް ފަސޭހަ ޕާސްވޯޑެއް ކަމަށެވެ. އަދި އެ ޕާސްވޯޑް Qwerty1234 ވެސް އެމީހުން ވަނީ އާންމު ކޮށްފައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ހޮލިޑޭ އިން ޗެއިން އިން ދުނިޔޭގެ އެތަން މިތާނގައި 6000 ހޮޓާ ހިންގައެވެ. އޭގެ ތެރޭގައި ހޮލިޑޭ އިން އާއި ކްރައުން ޕްލާޒާ އާއި ރީޖެންޓް ބޭންކްވެސް ހިމެނެއެވެ.

މިދިޔަ ހޯމަދުވަހު ހިނގި އެ ހާދިސާގައި އެ ޗެއިންގެ ހޮޓާތަކަށް ބްކިން ހަދައި ޗެކްއިން ވުމުގައި ބޮޑެތި މައްސަލަތައް ދިމާވެ، އާންމުންގެ ޝަކުވާތައް ސޯޝަލްމީޑިއާ އަށް ބަންޑުން ކޮށްލުމުން ހޮޓަލުން އޭރު ބުނީ، މެއިންޓެނަންސް މަސައްކަތެއް ކުރިއަށް ދާ ކަމަށެވެ.

ނަމަވެސް ޖެހިގެން އައި އަންގާރަ ދުވަހު، އެ ޗެއިންގެ އިންވެސްޓަރުން ނުވަތަ ފައިސާ ހަރަދުކުރާ ފަރާތްތަކަށް، ހެކް ކުރީ ކަމަށް އަންގާފައި ވެއެވެ. އިންވެސްޓަރުން ކަމަށް ބަލައިފައި އެވަނީ، ހޮލިޑޭއިން އަކީ ސްޓޮކްއެކްސްޗޭންޖް ގައި ލިސްޓު ކޮށްފައި އޮންނަ ކުންފުންޏެއް ކަމުން، ސްޓޮކްއެކްސްޗޭންޖުން ޝެއާ ގަނެ ވިއްކާ ހަދާ ފަރާތްތަކަށެވެ.

ހޮޓެލް ޗެއިން ހެކް ކުރި ހެކަރުން ބުނީ، އެމީހުން އެކަން ކުރުމުގެ ފަހަތުގައި ހޮލިޑޭއިން އަށް ބޮޑުގެއްލުމެއް ދިނުން ނެތް ކަމަށާއި، އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު އެމީހުން ވަގަށް ނުނަގާ ކަމަށެވެ. ނަމަވެސް އެ ކުންފުނި ނުވަތަ ޗެއިންގެ ބައެއް މައުލޫމާތާއި އީމެއިލް ރެކޯޑްތައް ނެގި ކަމަށް ބުނެފައި ވެއެވެ. އަދި ވެއިޓްނާމަކީ މަހު މުސާރައަށް 300 ޑޮލަރުވެސް ނުޖެހޭ ގައުމެއް ކަމަށާއި އެމީހުން ބޭނުންވަނީ ގާނޫނީ އިމުގެ ތެރެއިން ވަޒީފާއެއް ކަމަށްވެސް ބުންޏެވެ.