ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު އަހްމަދު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު އަހްމަދު އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ފަތިހު ވަގުތެއްގައި މާލޭގައެވެ.

އޭނާގެ ކަށުނަމާދު އޮންނާނީ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ބާއްވަން ހަމަޖެހިފައި ވާއިރު އަވަހާރަވި އިރު އޭނާގެ އުމުރުފުޅަކީ 72 އަހަރެވެ. މުހައްމަދަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މުހައްމަދު ހުސައިންނާއި އެކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ރާއްޖޭގެ ހާރިޖީ ދާއިރާ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު އަހްމަދަކީ އިމިގްރޭޝަން ޑިޕާޓްމެންޓާއި، އައިޖީއެމް ހޮސްޕިޓަލް ވެސް ހިންގެވުމުގެ ޒިންމާ އަދާކުރެއްވި ބޭފުޅެކެވެ.

މުހައްމަދު އަހްމަދު އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އޭނާ އަކީ ރާއްޖޭގެ ހާރިޖީ ދާއިރާއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ހިދުމަތް އަބަދުވެސް ދެމިހުންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.