ކޮންސްޓްރަކްޝަން ސައިޓެއްގައި މޫނަށް ދަގަނޑު ހެރުނު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ މުވައްޒަފަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފޮޓޯތަކުން ފެންނަ ގޮތުން ދަގަނޑުތައް ހެރިފައި ވަނީ މީހާގެ ނޭފަތާ ދިމާލުން ސީދާ މޫނަށެވެ. އަދި ނޭފަތާ ދިމާލުން ދަގަނޑު ވަދެފައި ވާއިރު ދަގަނޑުން ބާކީ ފެންނަން ހުރީ ފޫޓެއްހާ ހިސާބެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަނިކޮށް ދަގަނޑެއް ވެއްޓި މީހެއްގެ މޫނަށް ހުރި، ޒަހަމްވެފައި ވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:28 ހާއިރު ފުލުހަށް ލިބިފައިވާ ކަމަށެވެ. އަދި އަނިޔާވެފައި ވަނީ ބިދޭސީ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާއަށް އެޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެ މައްސަލަގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާގެ މޫނަށް ދަގަނޑު ހެރުނީ އެ އިމާރާތުގެ ހަތް ވަނަ ބުރިއަށް ދަގަނޑުތަކެއް އަރުވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް މިކަމުގައި އާރްސީސީގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.